ގައުމީ އެއަރލައިން މޯލްޑިވިއަންއިން، އަންނަ ޖެނުއަރީ މަހުން ފެށިގެން ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފަށަން ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަން ސަރވިސަސް (އައިއޭއެސް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ޗައިނާއަށް މިހާރު ކުރަމުންދާ ވައިޑް ބޮޑީގެ ދަތުރުތަކުގެ އިތުރަށް، ނެރޯ ބޮޑީގެ ދަތުރުތައްވެސް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިންވެސް މޯލްޑިވިއަނުން ޗައިނާގެ ސިޓީތަކަށް ނެރޯ ބޯޑީގައި ދަތުރުކޮށްފައިވެއެވެ. މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.
އައިއޭއެސްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ޖެނުއަރީ މަހުން ފެށިގެން ސީޒަނަލް ދަތުރުތަކެއްގެ ގޮތުގައި ފަށާ މި ދަތުރުތައް ކުރާނީ ޗައިނާގެ ޖިއާން އަދި ޝެންޒެން އަށެވެ. ޖިއާންއަށް ކުރާ ދަތުރުތަކަކީ ކުރިން ހުއްޓާލާފައިވާ ދަތުރުތަކެއް ކަމަށާއި، ނެރޯ ބޮޑީގައި މި ދަތުރުތައް ކުރިއަށް ގެންދާއިރު ތައިލޭންޑުގެ ބެންކޮކަށް ޖައްސާފައި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ޗައިނާގެ ޖިއާން އަދި ޗައިނާގެ ޝެންޒެންއަށް އަޅުގަނޑުމެންގެ ނެރޯ ބޮޑީ ދަތުރުތައް. އެ ދަތުރުތައްވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކުރިއަށް އޮތްތަނުގައި" އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ދަނީ ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަށް އިތުރު ކުރުމަށް ބޮޑު މަސައްކަތެއް ކުރަމުންނެވެ. ޗައިނާއަށް މި ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާ މާކެޓުން ލިބޭ ބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.