ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީއަށް މާދަމާ ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީއަށް މާދަމާ ހުޅުވާލަނީ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބާއްވާ ޕްރައިމަރީއަށް މާދަމާ ހުޅުވާލަން ނިންމައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ޑިސެމްބަރު 27 ވަނަ ދުވަހު ކުރިއަށްގެންދަން ވަނީ ހަމަޖައްސާފައެވެ.

މިކަން ޕީއެންސީން ހާމަކުރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޕީއެންސީން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައެޅި ކެމްޕޭން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު އާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޕީއެންސީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.

ޕާޓީއާ އަލަށް ގުޅޭ ފަރާތްތަކަށް ވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޕާޓީން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) މެދުވެރިކޮށް ޕާޓީއާ ގުޅުމުގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ޕީއެންސީން ވަނީ އެދިފައެވެ. ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ޕްރައިމަރީގައި ވާދަކުރެވޭނެއެވެ.

ޕީއެންސީން ލަފާކުރާ ގޮތުގައި މި ޕްރައިމަރީގައި 1400 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން ޕީއެންސީގައި މިހާރު 68،665 މެންބަރުން އެބަތިއްބެވެ.  

މިއަދު އޮންލައިން