ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދެ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ އާއިލާތައް ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ސްރީލަންކާއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ލަންކާގެ ހާލަތާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުގައި ވާހަކަ ދައްކަވަމުންނެވެ.
ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ ލަންކާއަށް ކުރަމުންދާ ވިއްސާރަ މިހާރު ހަމައަކަށް އެޅުނު ނަމަވެސް، ބައެއް ހިސާބުތަކުގައި ކޯރުތައް ބަންޑުވެ، ބިންގަނޑު ކަނޑައިގެންދިއުން ފަދަ ހާދިސާތައް ދިމާވާނެ ކަމަށް ލަފާކޮށް އެކި އިދާރާތަކުން އިންޒާރު ދީފައިވާ ކަމަށެވެ. މިފަދަ ނުރައްކާތެރި ސަރަހައްދެއްގައި ދިރިއުޅެމުންދިޔަ ދިވެހި ދެ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްބަސީން ވަނީ ކޮށްފައެވެ.
ސަފީރު އިތުރަށް ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލަންކާގެ މަލާބޭ ސަރަހައްދުގައި ދިރިއުޅޭ ދެ އާއިލާއަކަށް ކަމަށެވެ. އެ ދެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، އެމީހުންގެ ރައްކާތެރިކަމަށްޓަކައި ހޮޓަލަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެ އާއިލާގެ ހާލަތުވެސް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބަލައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެމްބަސީން ވަނީ ހޮޓްލައިންއެއް ޤާއިމުކޮށްފައެވެ. ސަފީރު ވިދާޅުވީ މި ހޮޓްލައިން މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ރައްކާތެރިކަމަށް އެމްބަސީން ސަމާލުކަންދެމުންދާ ކަމަށެވެ.