ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ޓެލެތޯނަކީ 37 މީޑިއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިހާރު ފަށާފައިވާ މި ޓެލެތޯން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. އެޗްޑީސީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވެސް ދަނީ މި ޓެލެތޯނަށް ހެޔޮ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.
ލަންކާއަށް މި ދަތި ދަނޑިވަޅުގައި އެހީތެރިވުމަށް ކުރިއަށް ގެންދާ މި ޓެލެތޯނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.