ސިލޯނާއެކު ދިވެހީން ޓެލެތޯން މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ސިލޯނާއެކު ދިވެހީން ޓެލެތޯން މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމައިފި

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން "ސިލޯނާއެކު ދިވެހީން" މާދަމާވެސް ކުރިއަށް ގެންދާގޮތަށް ނިންމައިފިއެވެ. މިގޮތުން، މި ޓެލެތޯން ހުއްޓާ ނުލާ މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. ކުރިން މި ޓެލެތޯން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ މިރޭ 1 ޖެހުމާހަމައަށެވެ. ނަމަވެސް، އާންމުންގެ ބޮޑު ތަރުހީބަކާއެކު މިހާރު ވަނީ އިތުރު ވަގުތު ދިނުމަށް ނިންމާފައެވެ.

ޓެލެތޯންގެ ވަގުތު އިތުރުކުރުމާ ގުޅޭގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ، ޓެލެތޯންގެ ވަގުތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށެވެ. ޚާއްސަކޮށް މިރޭ ބީއެމްއެލްގެ އެޕްލިކޭޝަން އަށް ކުރިމަތިވި ޓެކްނިކަލް މައްސަލައާ ގުޅިގެން ފައިސާ ޓްރާންސްފާ ކުރުމަށް ދަތިތަކެއް ކުރިމަތިވުމުން، އެ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަކީ މި ނިންމުމުގެ މުހިންމު ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިޓެލެތޯންގައި ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު، ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ އަދި އިންސާނީ ކާރިސާއިން އަރައިގަތުމަށް އެހީވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން