ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ސިޓީތަކާ ބެހޭ ވުޒާރާއިން ފައިސާ ހަދިޔާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ދިވެހިންގެ ކިބައިގައި ހުރި އެހީވުމުގެ ރީތި ސިފަ ފާހަގަކުރައްވާ މިއަދުވެސް އެ ސިފަ ދިވެހިންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ. އެގޮތުން، އަވަށްޓެރި ޤައުމުތަކަށް ދިމާވާ ކާރިސާތަކުގައި ދިވެހި ރައްޔިތުން އަބަދުވެސް އަވަސްވެގަންނަ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ހާލަތެއް އަވަށްޓެރި ޤައުމަކަށް ކުރިމަތިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުން މިދާ، އުޚުއްވަތްތެރިކަމާއި އަޅާލުމުގެ ރީތި ސިފަ، އެ ރިވެތި ސިފަ މިހާރުވެސް ދިވެހިންގެ ކިބައިން ފެންނަމުންދާ ކަމަށެވެ. "މިފަދަ ހާލަތެއް އަވަށްޓެރި ޤައުމަކަށް ކުރިމަތިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުން މިދާ، އުޚުއްވަތްތެރިކަމާއި އަޅާލުމުގެ ރީތި ސިފަ، އެ ރިވެތި ސިފަ މިހާރުވެސް ދިވެހިންގެ ކިބައިން ފެންނަމުންދަނީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިފަދަ ހެޔޮ މަސައްކަތެއް ކުރިއަށް ގެންދަވާތީ އެކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ޕްރޮގްރާމްތަކަކީ އަވަށްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިންގެ ހިތްހެޔޮކަން ދައްކުވައިދޭ ކަންކަން ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.