ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށްފައިވެއެވެ.
މި ޙަފްލާގައި ޖުމުލަ 43 މުވައްޒަފުންނަށް އެވޯޑު ދީފައިވާއިރު، އެވޯޑުތައް ޙަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބޯޑު މެންބަރުންނެވެ. މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ޚާއްސަ އެވޯޑެއް ވަނީ ބީއެމްއެލްއަށް 40 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ޙަސަން ޝާމަށް އަރުވާފައެވެ. މީގެ އިތުރުން، ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދެއްވާފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ.
ބީއެމްއެލްއިން ހާމަކުރާ ގޮތުގައި، އެ ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %99 އަކީ ދިވެހިންނެވެ. ބޭންކުން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައިދިނުމަށް ކަމަށް ބުނެފައިވެއެވެ. މިގޮތުން އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައްވެސް ބާއްވަމުން ގެންދެއެވެ.