އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މިކަމާގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މީސްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަނީ މިވަގުތައް ހުއްޓާލެވިފައި ކަމަށެވެ.
މިފިޔަވަޅަކީ މާލޭ ސަރަހައްދުގައި އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އަޅުއްވާފައިވާ ވަގުތީ ފިޔަވަޅެކެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ނިމުމުން، ބިދޭސީންނަށް އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް އަލުން ފެށިގެންދާނެ ކަމަށް ލަފާކުރެވެއެވެ.