އެއިޑްސް ބަލި ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެއިޑްސް ބަލި ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއް: ރައީސް

އެއިޑްސް ބަލި ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި، އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، އެއިޑްސް ނައްތާލުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ޞިއްޙީ ދާއިރާއިން މިއަހަރު ރާއްޖެ ހޯދާފައިވާ އެންމެ މުހިންމު އެއް ކާމިޔާބީ ފާހަގަކުރައްވާފައެވެ. އެގޮތުން، މައިންގެ ފުށުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕެޓައިޓިސް ބީ ޖެހުން އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެން ދިއުމަކީ، ހުރިހާ އެންމެންނަށް ހަމަހަމަކާއެކު ޞިއްޙީ ފަރުވާ ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއިން ހޯދާފައިވާ މިފަދަ ކާމިޔާބީތަކަކީ ބައިނަލްއަޤްވާމީ ގުޅުންތަކާއި އެއްބައިވަންތަކަމާއެކު ޢިލްމު ބަދަލު ކުރުމުގެ ތެރެއިން އެކުގައި އިޖާދީ ގޮތުން ކުރެވުނު މަސައްކަތުން ހާސިލްވި ކާމިޔާބީއެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަމާއި، ޞިއްޙީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުންތައް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭކަން ތަކުރާރުކުރައްވާފައެވެ. އަދި އެއިޑްސް ނައްތާލުމުގެ މަސައްކަތުގެ ތެރެއިން މުޖްތަމަޢުގެ ނަޒަރިއްޔާ ބަދަލުކޮށް، ކޮންމެ ފަރުދެއްގެވެސް ކަރާމަތް ރައްކާތެރިކުރުމަށް ބާރު އަޅަންޖެހޭ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން