ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2.45 މިލިޔަން ރުފިޔާ ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2.45 މިލިޔަން ރުފިޔާ ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވި ބޮޑު ކާރިސާގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ދިވެހި ފުލުހުންގެ ޚިދުމަތުން 2.45 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ. މިއީ މި ޓެލެތޯނަށް އެއް ފަރާތަކުން ވެދެއްވި އެންމެ ބޮޑު ފައިސާގެ އެހީތެރިކަންކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ފުލުހުންގެ ފަރާތުން މި އެހީތެރިކަން ފޯރުކޮށްދެއްވުމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ސިލޯނާއެކު ދިވެހިން ތިބިކަން އެންމެ ބޮޑަށް ދޭހަވާ އެއް ކަމަކީ، ދިވެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ކަމަށެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް މި ކާރިސާއިން ވީހާއަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ހަދިޔާކުރި 2.45 މިލިޔަން ރުފިޔާއަކީ، ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޓެލެތޯނަށް އެއް ފަރާތަކުން ވި އެންމެ ބޮޑު ފައިސާގެ އެހީއެވެ. މި އެހީގެ ދެވަނައަށް އެންމެ ބޮޑު އެހީއެއް ވެފައިވަނީ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިންނެވެ. އެ ބާރުން ވަނީ 1 މިލިޔަން ރުފިޔާގެ އެހީއެއް ވެދެއްވާފައެވެ.

މިފަދަ ބޮޑެތި ކާރިސާތަކުގައި އަވަށްޓެރި ޤައުމުތަކަށް ދިވެހި ޤައުމީ މުއައްސަސާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދެއްވި މި ބޮޑު އެހީއާ އެކު، ޓެލެތޯނުގެ މަޤްސަދުތައް ހާސިލުވުމަށް އިތުރު ބާރެއް ލިބިގެންދިޔައެވެ.

މިއަދު އޮންލައިން