ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން 1 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީއަކީ ޓެލެތޯނުގެ ފައިސާ ހަދިޔާކުރުމުގެ މުއްދަތު ހަމަވިއިރު ލިބުނު އެންމެ ބޮޑު ދެވަނަ އެހީގެ އަދަދެވެ.
މި އެހީ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ސްޓޫޑިއޯގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެހީގެ ރަމްޒީ ޗެކް ދިވެހި ސިފައިންގެ ފަރާތުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޤިޔާސްއެވެ.
މި ޗެކާއި ޕީއެސްއެމް ފަރާތުން ހަވާލުވެވަޑައިގަތީ ޕީއެސްއެމްގެ ޗެއަރމަން، އައިމިނަތު ނަމްޒާއެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤައުމީ ދިފާޢީ ބާރުން ހަދިޔާކުރި 1 މިލިޔަން ރުފިޔާއަކީ ޓެލެތޯނަށް ލިބުނު އެންމެ ބޮޑު ދެވަނަ އެހީ ކަމަށްވާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ މި ޓެލެތޯނަށް ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ފުލުހުންގެ ފަރާތުން ޓެލެތޯނަށް 2.4 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.