ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުންގެ ފަރާތުން، "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 1 ލައްކަ 13 ހާހަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ. މި ޓެލެތޯނަކީ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ 38 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހެޔޮއެދުމުގެ މަސައްކަތެކެވެ.
މި ޓެލެތޯނަށް ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފައިވަނީ އެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައެވެ. އެގޮތުން، ޖުމްލަ 113,646.83 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މުވައްޒަފުންގެ ފަރާތުން ހަވާލުކޮށްދެއްވި ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ.
މި ޓެލެތޯނަކީ ރާއްޖޭގެ އެކި ދިމަދިމާލުން ބޮޑު ތަރުޙީބެއް ލިބުނު މަސައްކަތެއް ކަމަށް ޕީއެސްއެމްއިން ބުނެއެވެ. މިހާތަނަށް މި ޓެލެތޯނަށް 11 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ޓެލެތޯނަށް ފައިސާ ބަލައިގަތުމުގެ ވަގުތު މެނދުރު ފަހު 2:00 ހަމައަށް ވަނީ ހަމަވެފައެވެ.
ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން މިފަދަ ބޮޑު އެހީއެއް ލިބުމަކީ މި ހެޔޮކަމުގެ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ.