ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ހާލަތާ ގުޅިގެން އެ ޤައުމަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި "ސިލޯނާއެކު ދިވެހިން" ޓެލެތޯން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޓެލެތޯނުން ޖުމްލަ 11.4 މިލިޔަން ރުފިޔާއާއި 43،000 ޑޮލަރު ވަނީ އެއްކުރެވިފައެވެ.
"ސިލޯނާއެކު ދިވެހިން" ޓެލެތޯނަކީ ބާރުގަދަ ތޫފާނަކާ ގުޅިގެން ސްރީލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ތޫފާނުގެ ސަބަބުން ސްރީލަންކާގެ އެތައް ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ނުލިބި ހާލުގައި ޖެހިފައިވާތީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެޔޮ އެދުންތައް ފޯރުކޮށްދިނުމުގެ ގޮތުން މި ޓެލެތޯން ބޭއްވިއެވެ.
މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޖުމްލަ 37 މީޑިއާއެއް ގުޅިގެން ބޭއްވި މި ހަރަކާތް ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ކުރު މުއްދަތުގެ ތެރޭގައި ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލިބުނު އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ޓެލެތޯންއަށް ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު އެއްކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި އެހީތައް ސްރީލަންކާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރެވޭނެއެވެ.
މިޓެލެތޯންގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދާނީ ދެފުށްފެންނަ ގޮތަށްކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމީން ވިދާޅުވީ ޓެލެތޯންއަށް ލިބުނު ފައިސާގެ ޖުމުލަ އަދަދު ހާމަކުރާނީ މިނިވަން އޮޑިޓު ފާމެއްކަމަށްވާ ކްރޯ މޯލްޑިވްސްއިން ކަމަށެވެ. އެގޮތުން އެކައުންޓަށް ލިބުނު ފައިސާއާއި ފަންޑު ފޮށިތަކަށް ލިބުނު ފައިސާގެ ޖުމުލަ އަދަދު ގުނުމަށްފަހު ވީ އެންމެ އަވަހަކަށް ފައިސާ ލިބުނު ޖުމުލަ އަދަދު އިޢުލާންކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މީޑިއާ އާއި ރައްޔިތުންގެ މި އެއްބާރުލުން ދައްކުވައިދެނީ އަވައްޓެރި ޤައުމުތަކަށް ދިމާވާ ކާރިސާތަކުގައި ދިވެހިންގެ އެއްބައިވަންތަކަމާއި އޯގާތެރިކަމެވެ.