ސްރީލަންކާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީން ވަނީ އެ ޤައުމަށް ދިމާވި މޫސުމީ ކާރިސާގައި ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ޓެލަތޯންއެއް ކުރިއަށްގެންގޮސްފައިވާއިރު، ލަންކާގައި ދިރިއުޅޭ ދިވެހިންވެސް މިވަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފައެވެ.
މި ޑޮނޭޝަން ޕްރޮގްރާމަކީ ލަންކާގައި މިހާރު ދިމާވެފައިވާ ފެނުގެ ބޮޑެތި މައްސަލަތަކާއި، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އަވަސް އެހީއެއް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މިކަމުގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ބޮޑަށް ބޭނުންވާ ތަކެތި ހޯދުމަށް ވަނީ އިސްކަންދީފައެވެ.
ޑޮނޭޝަންގެ ގޮތުގައި ބަލައިގަންނަ ތަކެތީގެ ތެރޭގައި ބޯފެނާއި، ބެޑްޝީޓް، ތުވާލި، އަދި އަންނައުނު ހިމެނެއެވެ. މީގެ އިތުރުން ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު، އަވަހަށް ހަލާކުނުވާ ކާނާގެ ބާވަތްތަކާއި، ކުޑަކުދިންނަށް ބޭނުންވާ ޚާއްޞަ ސާމާނުވެސް ހަދިޔާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ތަކެތި ހަދިޔާކުރުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވަނީ ހިތްވަރުދީފައެވެ.
މި ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާހަމައަށް ސޯސަންވިލާ (Sosun Villa) އިން މި ތަކެތި ބަލައިގަންނާނެއެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000ށްވުރެ ގިނަ ގެދޮރު ވަނީ ހަލާކުވެފައެވެ. މިތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 355ށް އުފުލިފައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 ޢާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.