ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރަސްމީކޮށް ފަށާފައެވެ. މި މުހިންމު ޤައުމީ ޕްރޮގްރާމުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާ ކުރިއަށްދާނީ ރާއްޖޭގެ ހަ ސަރަހައްދެއްގައެވެ. އެއީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައެވެ. މި މަރުޙަލާގައި ބައިވެރިން ވަނީ އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރަން ޖެހިފައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި އެމީހުންގެ ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފެށުމާއެކު، މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 700 ޒުވާނުންނަށް ޤައުމީ ޚިދުމަތަށް ތަމްރީނު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން