ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ތިން ގުނަ އަވަސްކުރުމަށް، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިކަމުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރުގަދަވެ، އިތުރަށް ހަލުއިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ޑްރޭޖަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ހާމަކުރެއްވީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އޭގެތެރެއިން ދެ ޑްރޭޖަރެއް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، މިހާރު ތިން ވަނަ ޑްރޭޖަރުވެސް ރާއްޖެ ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން، ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފެށުމާއެކު، މި މަސައްކަތް ތިން ގުނަ ހަލުއިވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރަސްމާލެ އާބާދުކުރުމުގެ މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން މަސައްކަތް ނިންމޭނެ ކަމަށް އުންމީދު ކުރެވެއެވެ.