ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ "ނަލަ މޯލްޑިވްސް ރިސޯޓު" ރަސްމީކޮށް ހުޅުވައިފިއެވެ.
ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި މި ރިސޯޓު ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓައި ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.
މިއީ ޒުވާން އުމުރުފުރާގެ މީހުންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ، ޒުވާނުންގެ ހިތްތަކާއި އެކުލެވޭ ހުނަރުވެރި ކަންކަމަށް ފުރުސަތު ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. ރިސޯޓުގެ ތެރޭގައި އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން ވަނީ ޤާއިމްކޮށްފައެވެ.
ފަތުރުވެރިންނަށް ހިތްހަމަޖައްސާލާ، ރިލޭކްސް ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ސުލްހަ ސްޕާ"ގެ ނަމުގައި ސްޕާއެއްވެސް މި ރިސޯޓުގައި ވަނީ ހުޅުވާފައެވެ. ނަލަ މޯލްޑިވްސް ރިސޯޓުން ދިވެހި ފަތުރުވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.