ތަނަވަސް މީހެއްގެ ހުރި ތަނަވަސް އަންހެންދަރިއެކެވެ. ކިޔެވީ ވިޔަފާރިއެވެ. ކިޔެވުމަށްފަހު ދުވަސްކޮޅަކު ބައްޕައާއިއެކު މަސައްކަތްކޮށް ތަޖުރިބާ ލިބުމުން ބޭނުންވީ އަމިއްލައަށް މަސައްކަތެއް ކުރުމަށެވެ. އެެހންވެ ބައްޕަގެ އަތުން ލޯނެއް ހޯދައިގެން އަމިއްލައަށް މަސައްކަތްކުރަމުންގޮސް ބައޕަފަދަ ކާމިޔާބު ވިޔަފާރިވެރިއަކަށްވެވުނެވެ.
ކައިވެނިކުރީ އޮފީހުގައި ގެންގުޅުނު މުވައްޒިފުންގެތެރެއިން އެންމެ އިތުބާރުކުރެވުނު ޒުވާނާއެވެ. އެއީ ލޯބިވާކަމަށްބުނެ ފަހަތުން ނައްޓައިނުލުމުން އޭނާގެ ބަސްތަކަށް އިތުބާރުކުރެވުނީތީއެވެ. ކައިވެންޏަށް އަހަރުވީތަނާ ކާރުއެކްސިޑެންޓްވެ ދާންޖެހުނީ ކޯމާއަކަށެވެ. ކޯމާއިން ހޭއެރީ ހޮސްޕިޓަލުގައި އޮންނަތާ 2 އަހަރު ފަހުންނެވެ.
ހޭއެރުމުން ފުރަތަމަ ފެނުނު މަންޒަރަކީ ފިރިމީހާއާއި އޭނާގެ އެއްބަނޑުއެއްބަފާ އަންހެން ކޮއްކޮއާއިދެމީހުން ކޮޓަރީގައި ތިބެގެން ލޯބިކުރާތަނެވެ. ކޯމާގައި އޮތްއިރުވެސް އެދެމީހުން ދައްކާ ވާހަކަތަކުގެ އަޑުއިވުނެވެ. އެއިރު ޤަބޫލުކުރެވުނީ އެއީ ވަސްވާސްތަކެއް ކަމަށެވެ. ކޮއްކޮވެސް ފިރިމީހާވެސް އެފަދަ ކަމެއް ނުކުރާނެކަމަށެވެ. ނަމަވެސް ލޮލަށް ފެނުމުން މިއީ ހިނގަމުން އަންނަ ކަމެއްކަން ޔަޤީންކުރެވުނެވެ.
އޭނާ ބުއްދީގެ ބޭނުންކުރިއެވެ. ލޮލަށް ނުފެންނަ ކަމަށް ހެދުނެވެ. ހޮސްޕިޓަލުން ދާންބޭނުންވަނީ މައިންބަފައިންގެ ގެއަށް ކަމަށް ބުނެ ދިއައީ އެގެއަށެވެ. ގޭގައި އުޅެމުން އެއްރޭ ސިޓިންގރޫމްގައި އިނދެފައި ބައްޕައަށް ގުޅާފައި ވަރަށް ސިއްރުން ބުންޏެވެ. "ބައްޕާއެވެ! އަވަހަށް ސިޓިންގރޫމަށް ނުކުމެބަލާށެވެ! ފިލައި ހުރެ މިތަނުގައި މިހިނގާ ކަންކަން ނިކަން ލޮލުން ދެކެބަލާށެވެ!"
ބައްޕަ ހީކުރީ ފިރިމީހާ ދަރިފުޅަށް ކަމެއް ކުރަނީކަމަށެވެ. އެހެންވެ އަވަސްއަވަހަށް ދަރިފުޅު ބުނި ގޮތަށް ކަންތައް ކުރުމުން ފެނުނީ އަންތަރީސްވާން ޖެހުނު މަންޒަރެކެވެ. ދަރިފުޅުގެ ކުރިމަތީގައި ތިބެގެން ފިރިމީހާއާއި ހަގުދަރިފުޅު ކުރަމުން ގެންދިއަ ކަންތައް ބަލާކަށް ނުހުރެވުނެވެ. ބާރަށް އައިސް ކުރިމައްޗަށް އަރައި ފުރަތަމަވެސް ސުވާލުކުރީ ތިއައީ 2 ޖަނަވާރުތޯއެވެ؟ އެއިރު މަންމަވެސް އަދި ގޭގައި ގެންގުޅޭ ނޯކަރުންނާއި އޭނާގެ ކުންފުނީގެ އިސް ބައެއް މުވައްޒިފުންވެސް އެތަނަށް އަތުވެއްޖެއެވެ.
"މަންމާއެވެ! ބައްޕާއެވެ! އަދި މިތަނުގައި މިތިބަ އެންމެންވެސް އަޑުއަހާށެވެ! އަހުރެންގެ ލޮލުގެ ފެނުމަކަށް އެއްވެސް މައްސަލައެއް ނެތެވެ. ލޮލަށް ނުފެންނަ މީހަކަށް ހެދިގެން ކެތްތެރިމިވީ ކޯމާއިން ހޭއިރު ވަޤުތު ލޮލަށް ފެނުނު މަންޒަރާއި ގުޅިފައިވާ ޙަޤީޤަތްތައް ދެނެގަތުމަށެވެ. އެހުރިހާ ކަމެއް މިހާރުވަނީ ދެނެގަނެވިފައެވެ. އެކަންކަމުގެ ވާހަކަދައްކާނީ ކޯޓުގައެވެ. އަހުރެންގެ ހިތަކު ކޮއްކޮގެ މައްޗަކަށްވެސް އަދި ފިރިމީހާގެ މައްޗަކަށްވެސް އެއްވެސް ރަޙުމެއް ހަމްދަރުދީއެއް މިހާރަކު ނެތެވެ. ބައްޕައާއި މަންމަ އަހުރެންނަށް މާފުކުރާނެ ކަމަށް ހީކުރަމެވެ. ލޯޔަރުންނާއި ފުލުހުން މިހާރުގެއަށް އެވަންނަނީއެވެ! ބައްޕައާއި މަންމަ ކަންތައް ކުރާނެ ގޮތެއް އެނގޭނީ ބައްޕައަށާއި މަންމައަށެވެ. ފުލުހުން ކޮއްކޮ ހައްޔަރުކުރާނީ އަހުރެންގެ ފިރިމީހާދެކެ ލޯބިވިކަމުގެ ކުށަކު ނޫނެވެ. އެކްސިޑެންޓްވިދުވަހު އަހުރެންގެ ފުރާނަ ދުއްވާލަން އަހުރެންގެ ކާރުގެ އިންޖީނުގައި ޑީވައިސް ހަރުކުރިކަމުގެ ކުށުގައެވެ. ކޮއްކޮއަށް މާފުކުރެވެންނެތީ ފިރިމީހާދެކެ ލޯބިވެ ގުޅުންހިންގީތީއެއް ނޫނެވެ. އަހުރެންގެ ފުރާނަދުއްވާލަން މަސައްކަތްކުރީތީއެވެ."
ދެން ނިކަން ބުނެބަލާށެވެ! ބައިވެރިޔާ ޖަހައިގަތުމަށްޓަކައި ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ ކޮށްފައި ނުކުރާނީ ކާކުހެއްޔެވެ؟ ޚުދު އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް ފުރަތަމަ ކައިވެނި ރޫޅިގެން ގޮސްފައިވާ އަންހެނަކީމެވެ. އަޅުގަނޑަށް ހެދީ ސިޙުރެވެ. 10 އަހަރުވީއިރުވެސް އަދިވެސް މިއުޅެނީ އެނދަގޫތަކުން ސަލާމަތްނުވެވިގެންނެވެ.
- ޝައިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ