ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެގޮތުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯވކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެއެވެ.
އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެގުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ހަބަރު: ސަރުކާރު