އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެއް މިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ގޮވާލައިފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެދިވަޑައިގެންފިއެވެ.

ސީޕީ މިކމަަށް އެދިވަޑައިގަތީ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5 ވަނަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ އެއްބައިވަންތަކަމާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، ވަޒީފާގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން، އެއްމިސްރާބަކަށް މަސައްކަތްކޮށް މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި ކޯސް ފުރިހަމަކުރި ދަރިވަރުން އަމަލީ މައިދާނަށް ނިކުންނައިރު މި ހިދުމަތުން އުންމީދުކުރާ ގާބިލިއްޔަތުކަން ދައްކައިދިނުމަށާއި ނަޒާހަތްތެރިކަމާއެކު ލީޑްކުރެއްވުމަށާއި އިންސާފުވެރިކަމާއެކު މަގުދައްކައިދެއްވުމަށާއި ކަންކަން އިސްލާހު ކުރުމަށް މަސައްކަތްކޮށްދެެއްވުމަށް ސީޕީ އިލްތިމާސް ކުރެއްވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަހަރުގެ ސެޕްޓެންބަރު 28 އިން 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 30 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަދުހަމްއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަބްދުލްރަހްމާން އަދި ބައެއް އެގްޒެކެޓިވް އޮފިސަރުން ގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން