ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ދީތުވާ"ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަވަށްޓެރި ސްރީ ލަންކާއަށް އެހީވުމަށް، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ (800،352 ޑޮލަރު) މިއަދު ފޮރިން މިނިސްޓްރީއާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި ފައިސާގެ ރަމްޒީ ޗެކް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން އެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ޓެލެތޯން ކުރިއަށް ގެންދިއުމުގައި 40 އަށް ވުރެ ގިނަ މީޑިއާ ހަރަކާތްތެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ސްރީ ލަންކާއަށް ދިމާވި ހިތާމަވެރި ކާރިސާގައި އެ ގައުމަށް އެހީވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެކު، އެންމެ ފުރަތަމަ ނިންމި ގައުމަކީ ދިވެހި ރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ދިވެހި ރައްޔިތުންގެ މި އެހީތެރިކަމަކީ ދެގައުމުގެ ގާތް ގުޅުން ހާމަކޮށްދޭ ހެއްކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ޓެލެތޯނުން ޖުމްލަ ފަންޑަށް ލިބިފައިވާ އަދަދުތަކަކީ:

  • 11،553،291.10 (އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ދިހަ ލާރި)
  • 51،088.31 (ފަންސާސްއެއް ހާސް އަށްޑިހަ އަށްޑޮލަރު ތިރީސްއެއް ސެންޓް)
  • 20 ޔޫރޯ

މި ޓެލެތޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ 'ކްރޯ މޯލްޑިވްސް' އެވެ. ކްރޯ މޯލްޑިވްސްއިން ވިދާޅުވީ، ސިލޯނާއިއެކު ދިވެހިން ޓެލެތޯން ފެށިގެން ނިމެންދެން ޕީއެސްއެމްއާއު ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔަކަމަށެވެ. ޓެލެތޯންގެ ފަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއްކޮށްފައިވަނީ ކްރޯ މޯލްޑިވްސްގެ ފަރާތުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން