ދިވެހިރާއްޖެއާއި ސްރީލަންކާއިން ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާއާ ގުޅިގެންނެވެ.
މި މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ ސްރީލަންކާ ނޭވީގެ ޗީފް އޮފް ސްޓާފް ރިއަރ އެޑްމިރަލް ޑޭމިއަން ފަނާންޑޯއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
ކޮލޮމްބޯގައި ހުންނަ ސްރީލަންކާ ނޭވީ ހެޑްކުއާޓަރަށް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޝަރަފުގެ ގާޑް އޮފް އޮނަރއެއް އަރުވައިފިއެވެ. މި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވައި، ދިފާޢީގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ސްރީލަންކާ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީވެސް ވަނީ ސްރީލަންކާއަށް ގޮސްފައެވެ. މި ދަތުރަކީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން، ދިވެހިރާއްޖެއިން އެހެން ޤައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ރަސްމީ ދަތުރުކަން ފާހަގަކޮށްލެވެއެވެ.
މިކަމާ ގުޅިގެން 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ފްލީޓް ރިވިއުގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވެފައިވެއެވެ. ނަމަވެސް އެއިރު ހުރަވީ ބައިވެރިވެފައިވަނީ އިންޑިއާގައި މަރާމާތުކޮށް ރީފިޓްކުރުމަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ސްރީލަންކާއަށް ކުރި މިފަހަރުގެ ދަތުރުން ދެޤައުމުގެ ދިފާޢީ ގުޅުންތައް އިތުރަށް ވަރުގަދަވެ، ކޯޕަރޭޝަން ފުޅާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.