އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި، ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް އެހީތެރިވެދޭ މުހިންމު ޚިދުމަތެއް ކަމަށްވާ "ބެރިއަޓްރިކް ސަރޖަރީ" ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ މުހިންމު ޚިދުމަތެއް ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފެށުމަކީ ހަށިގަނޑުގެ ބަރުދަން އާދަޔާޚިލާފަށް މަތިވެ، އެކަމުގެ ސަބަބުން ސިއްޙީ ގޮތުން ދިމާވާ އެތައް މައްސަލަތަކަކަށް ހައްލެއް ހޯދައިދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތްކުރާ ގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލުގެނެސް، ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް ކުރާ ކާމިޔާބު އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްޙަތެއް ލިބި، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދެއެވެ. މީގެ އިތުރުން، ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް މި ސަރޖަރީ އެހީތެރިވެދެއެވެ.
މިކަމާގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވީ، "މިއަދު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕަރޭޝަންގެ ޚިދުމަތް ގާއިމް ވެގެން ދިއުމަކީ މިދެންނެވެނު ބަލިތަކަށް ޒަމާންތަކެއްވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ޔަގީނެވެ."
ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ މުހިންމު ޚިދުމަތެއް ފެށުމަށްޓަކައި ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ކާމިޔާބީއަކީ ހޮސްޕިޓަލުގެ ސަރޖަނުންނާއި، ހޭނައްތާ ޑޮކްޓަރުން، ނަރުހުން، ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިން އަދި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް އެތައް ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ މަސައްކަތް ވަކިން ޚާއްޞަކޮށް ފާހަގަކޮށް، އެކަމަށް މަރުޙަބާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު އެންމެ ބޮޑެތި ކާމިޔާބީތަކެއްކަން ޔަޤީނެވެ. މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
މި ޚިދުމަތް ފެށުމާއެކު، އައިޖީއެމްއެޗްގެ ފަރާތުން ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.