މިހާތަަނަށް ދިވެހިން ލަންކާއަށް ދޭން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެެ އިތުރުވާނެ: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މިހާތަަނަށް ދިވެހިން ލަންކާއަށް ދޭން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެެ އިތުރުވާނެ: ޚާރިޖީ ވަޒީރު

ލަންކާއަށް އެހީވުމަށް ދިވެހިރާއްޖޭގެ ރައްޔިތުން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، ލަންކާއަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި އެހެނިހެން މީޑިއާތައް ގުޅިގެން ބޭއްވި ޓީވީ ޓެލެތޯނުން ލިބުނު ފައިސާ، ޚާރިޖީ ވުޒާރާއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމަކީ، ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. މީގެ އިތުރުން، ޓީވީ ޓެލެތޯންގެ ބައިވެރިވުމުގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބޮޑު އަދަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ލަންކާއަށްޓަކައި އޮތް ލޯތްބާއި އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، "މިއަދު މި ދައްކުވައިދިނީ ލަންކާއަކީ ދިވެހިންގެ ދެވަނަ ގެދޮރުކަން. ދިވެހިން އެއްބަޑު އެއްބަފައި ބައެއްގެ ގޮތުގައި ލަންކާގެ ރައްޔިތުން ބަލައިގަންނަކަން." މިއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަލުން އާލާކޮށް، ގަދަފަދަކުރާނެ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން