ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރު، އެ ޤައުމުގެ ސަރުކާރާއި މިއަދު ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ. މި އެހީއަކީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމުގެ ދަށުން ދެއްވި ފައިސާގެ އެހީއެކެވެ.
ސްރީލަންކާއަށް އެހީވުމުގެ ގޮތުން 50 ހާސް ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރައްވަން ދިވެހި ސަރުކާރުން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ. މީގެ ތެރެއިން ފައިސާގެ އެހީގެ ގޮތުގައިވާ 50 ހާސް ޑޮލަރު މިއަދު ވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކުރައްވާފައެވެ. ބާކީ ހަދިޔާކުރައްވަން ނިންމަވާފައިވާ މަސްދަޅު ކޭސްތައްވެސް ވަރަށް އަވަހަށް އެޤައުމާ ހަވާލުކުރެވޭނެ ކަމަށް ބެލެވެއެވެ.
ރާއްޖެއިން ހަދިޔާކުރި މި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ. މި އެހީތެރިކަމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ހާލަތްތަކުގައި އެއްގައުމު އަނެއްގައުމަށް އެހީތެރިވުމުގެ ރޫޙު އާލާކުރުމުގެ މުހިންމު ފިޔަވަޅެކެވެ.