އަހުރެމެންގެ ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ. ދަރިފުޅަށް 2 އަހަރުވީތަނާ އަޅުގަނޑުގެ ބޮލުގައި އެޅުނީ ޑްރަގްވިއްކާ ކަމުގެ ތުހުމަތެވެ. އެއީ އަޅުގަނޑާއި އެކުވެރިއަކު ކާން ތިބި ރެސްޓޯރަންޓަކަށް ފުލުހުން ވަދެ ކުރި ޗެކެއްގައި އަޅުގަނޑުގެ ދަބަހުން ޑްރަގް ފެނުމުންނެވެ. ވަޤުތުން އަޅުގަނޑު ހައްޔަރުކުރިއެވެ. އަދާކުރަމުން އައި ރަނގަޅު ވަޒީފާވެސް ގެއްލުނީއެވެ. މުސާރައެއްކޮށްގެން ގަތް ފްލެޓުންވެސް ބޭރުވާންޖެހި ޖަލަށްދާންޖެހުނީއެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑުވީ ދަރިފުޅާއިވަކިވާންޖެހުނު ކަމެވެ.
އަޅުގަނޑަށް އިތުބާރުކޮށް އެކުވެރިއަކު ކުރި ބުރަމަސައްކަތުން އަޅުގަނޑުގެ ކުށެއްނެތްކަން ޘާބިތުވެ ސަލާމަތްވެވުނީ 3 އަހަރުފަހުންނެވެ. މާތް ﷲ އަށް ޙަމްދުކުރީމެވެ. އެއީ ލިބެން އުޅުނު 25 އަހަރުގެ ޖަލުޙުކުމް ނުލިބި ސަލާމަތްވެވުނީތީއެވެ.
ސަލާމަތްވެގެން ފްލެޓަށް ދިއުމުން ފެނުނީ ފެންނާނެ އެންމެ ހިތާމަވެރި މަންޒަރެވެ. ފިރިމީހާ ހުރީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއާއި ކައިވެނިކޮށްގެންނެވެ. އަހަރުވީ ދަރިއަކުވެސް އޮތެވެ. އެއިގެ އިތުރުން ދަރިފުޅަށް އަންގާދީފައިވަނީ އަޅުގަނޑަކީ ޑްރަގްޑީލަރެއްކަމާއި އެއީ އެންމެ ނުބައިމީހުން ކުރާ ކަމެއް ކަމެވެ.
ހުރިހާ ކަމަކަށްވުރެ ބޮޑަށް ކަންބޮޑުވެވުނީ ދަރިފުޅާއިމެދުގައެވެ. ކެތްތެރިވީމެވެ. ދަރިފުޅަށް ޙަޤީޤަތް އަންގައިދޭން މަސައްކަތްކުރަންފެށީމެވެ. ގޭގައި އެދެމަފިރިންނާއި ވަކިން ދިރިއުޅެންފެށީމެވެ. މިބުނަނީ ކެއުމާއި އަޅުގަނޑުގެ ކަންކަން އަމިއްލައަށް ކުރަމުން އުޅެންފެށިވާހަކައެވެ. އެކަމަށް އެހީތެރިވެދިނީވެސް އަޅުގަނޑު ޖަލުން ސަލާމަތްކޮށްދިން އެކުވެރިޔާއެވެ.
ހަފްތާއެއްވީތަނާ އަޅުގަނޑުކުރިން މަސައްކަތްކުރި އޮފީހުން ހަމައެވަޒީފާ ލިބުނެވެ. ހަމައެމުސާރަ ލިބެންފެށިއެވެ. އެއީ އަޅުގަނޑުގެ މައްޗަށް ކުށްޘާބިތުނުވީތީއެވެ. ކުންފުނިން އަޅުގަނޑަށް އިތުބާރުކުރީތީއެވެ.
މުސާރަލިބެން ފެށުމުން ދަރިފުޅުގެ ކަންކަމަށް ޚަރަދުކުރަންފެށީމެވެ. އެކަންވެގެންދިއައީ ދަރިފުޅުގެ ހިތުގައި އަޅުގަނޑަށް ލޯބި އުފެދެން ދިމާވި ކަމަކަށެވެ.
ފިރިމީހާ އަޅުގަނޑާއި އެއްވެސް ގުޅުމެއް ނުބާއްވާތީ ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އޭނާގެ އެއްވެސް ކަމެއް ނުއެނގެއެވެ. އޮޅުންފިލުވާކަށްވެސް މަސައްކަތެއް ނުކުރަމެވެ. ދެމަފިރިން އެކުގައި ގެއިން ބޭރުކޮށްލަން އުޅުމުން އެކުވެރިޔާ ބުނީ އިހަށް އެކަން ނުކޮށް ބެއިތިއްބުމަށެވެ. އެއީ ކީއްވެގެންކަން ފަހުން ބުނާނެ ކަމަށެވެ. އެހެންވެ މަޑުންހުރީއެވެ.
އެއްރޭ 9 ޖަހާއެހާކަންހާއިރު އެކުވެރިޔާ ގެއަށް އައެވެ. އިތުރު 2 މީހަކާއިއެކުގައެވެ. އެމީހުންނަށް މަރުޙަބާ ކިޔުމުން އެންމެ ގާތް އެކުވެރިޔާގެ މޫނުމައްޗަށް ގޮތްތަކެއްވެގެންދިއަކަން ފާހަގަކުރެވުނެވެ. ނަމަވެސް ސަބަބެއް ނުވިސްނެއެވެ. ހީކުރީ އެމީހުން އައުމުން ހިތްހަމަނުޖެހުނީ ކަމަށެވެ.
ކޮފީގިރައިދިނީމާ ބޮން ތިބެގެން އެކުވެރިޔާ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ސުވާލުރީ މި 2 މީހުން ދަންނަންތޯއެވެ. ޖަވާބުގައި ނޫނެކެވެ ބުމުން އެސުވާލު އެ ދެމީހުންނަށް ކުރުމުން ބުނީ ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.
ކުރުކޮށްލާނަމެވެ. ވާހަކަތައް ނިމިގެންދިއައިރު އެނގިގެންދިއައީ އެދެމީހުންނަކީ އެންމެ ޣާތް އެކުވެރިޔާ ފައިސާ ދިނުމުން އަޅުގަނޑުގެ ދަބަހަށް ޑްރަގްލީ ދެމީހުންކަމެވެ. އަދި އެކަންކުރީ އޮފީހުގެ މުވައްޒިފެއް މެދުވެރިކޮށް ކަމެވެ. އެކަމަށް އެއްބަސްވެ މުވައްޒިފް ވާހަކަދައްކާފައިވާ ވީޑިއޯއެއްވެސް ދެއްކިއެވެ.
އެކުވެރިޔާ ބުނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުސްޘާބިތުކުރުވަން އެއްވެސް ހުރަހެއް ނެތްކަމަށެވެ. އެކަންކުރި ދެމީހުންގެ މައްޗަށް މިހާރުވެސް އެހެން މައްސަލަތަކުގައި ދަޢުވާތައް އުފުލާފައިވުމުން އެދެމީހުންނަށް ކުށަށް އެއްބަސްވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އަޅުގަނޑަށް ބުނެވުނީ މައްސަލައާއިގެން ކުރިއަށްދާށެވެ. އަދި ފިރިމީހާއާއި ދެމީހުން ލަސްވެގެން މާދަމާ ގެއިން ނުކުތުމަށެވެ. އެހެން ބުނުމާއިއެކު ކުރިން ހުރިހާ ކަމެއް ދޮގުކުރަމުން އައި ފިރިމީހާގެ ވާހަކަ ބަދަލުކޮށް ކުށަށް އިޢުތިރާފްވެ މާފަށް އެދިއްޖެއެވެ. އަޅުގަނޑާއި ކައިވެނިކުރުމުގެ ކުރިންވެސް ދެމީހުންނަކީ ދެލޯބިވެރިންކަމަށްވެސް އެއްބަސްވިއެވެ. އަދި އެކަން ކުރެވުނީ އަޅުގަނޑު ފްލެޓުން ނެރެލައި ފްލެޓުގައި ދެމީހުން އެކުގައި އުޅެން ބޭނުންވެގެންކަމަށްވެސް އެއްބަސްވިއެވެ. އަދި ފްލެޓުން ނެރެނުލައި ބައިތިއްބައި ދިނުމަށްވެސް އެދުނެވެ. ދަރިފުޅަށް ފައިދާކުރާނީ މަންމަ އާއި ބައްޕަގެ ލޯބިލިބުމުން ކަމަށްވެސް ބުންޏެވެ.
އަޅުގަނޑަށް ބުނެވުނީ ހަމަ އަލްޙަމްދުލިﷲ އެވެ. ދެމީހުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! ދެރައީ ދަރިފުޅަށް މަންމަގެ ލޯބި އެންމެ ބޮޑަށް ބޭނުންވި ދުވަހު ކަންތައް ތިއަކުރެވުނު ގޮތްތާއެވެ. އަދި އެއްވެސް ކުށެއް ނެތި ޢުމުރަށް ޖަލުގެ ކުޑަގޮޅިއަށް ފޮނުވައިލީތީއެވެ. ބުނީމެވެ! "ޙައްޤު ގޮތުގައި ދެމަފިރިން އެކުގައި ޖަލަސް ލެއްވެން އޮތް ނަމަވެސް ދެމަފިރިންނަށް ލިބިފައިވާ ކުޑަދަރިފުޅަށްޓަކައި އެދެރަދޭކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެދެރަ ލިބުމުން ސަލާމަތްވާން ބޭނުންނަމަ އަހުރެން ވަރިކޮށްފައި ލަސްވެގެން މާދަމާގެ އިރުއޮއްސުމުގެ ކުރިން ދެމީހުން ގެއިން ނުކުންނާށެވެ. މާދަމާ އޮފީހަކަށްވެސް ނުދާނަމެވެ. މިގެއިން ދެން ނުކުންނާނީ ތިއަ ދެމަފިރިން ގެއިން ނެރަފައެވެ."
ފިރިމީހާ ބުނީ އޭނާގެ ވަޒިފާވެސް ގެއްލިފައިވާ ކަމަށާއި ތަނެއް ކުއްޔަށް ހިފެން ނެތްކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ކަލޭގެ ވަޒީފާ ގެއްލުވައިލީ އަހުރެންނެއް ނޫނެވެ. އެކަމަކު އަހުރެންގެ ވަޒީފާ ގެއްލުވައިލީ ތިއަ ދެމީހުންނެވެ. ވީމާ މިއަދު ތިއަދައްކާ ވާހަކަތަކަށް ވިސްނާކަށް ބޭނުމެއް ނޫނެވެ."
މިއީ އަޅުގަނޑުގެ ފުރަތަމަ ކައިވެނީގައި ކަންކަން ނިމިގެންދިއަ ގޮތެވެ. ކުރަންޖެހުނު ތަޖުރިބާއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލީ ފައިދާކުރާނެ ކަމަށެވެ. މިއީ 10 އަހަރު ފަހެވެ. ދެވަނަ ކައިވެނީގައި އުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. އިން ޝާ ﷲ
- ފާއިޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް