ބޭނުމީ ފައިސާ ނޫންކަމަށާ ތަންކޮޅެއް ގިނައިން ޙާލުބަލައި ބައްދަލުކުރުން ކަމަށް ބުނި މަންމައާއި ބައްދަލުނުކުރެވެނީސް މަންމަ މަރުވުމުން ދަރިފުޅަށް ކުރަންޖެހުނު އިޙްޞާޞްތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ބޭނުމީ ފައިސާ ނޫންކަމަށާ ތަންކޮޅެއް ގިނައިން ޙާލުބަލައި ބައްދަލުކުރުން ކަމަށް ބުނި މަންމައާއި ބައްދަލުނުކުރެވެނީސް މަންމަ މަރުވުމުން ދަރިފުޅަށް ކުރަންޖެހުނު އިޙްޞާޞްތަކުގެ ވާހަކަ-

މައިންބަފައިންގެ ގާތަށް ނުދެވުނަސް ޚަރަދުކުރާނަމަ އަޅައިލިކަމަށްވާނެތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޚަރަދުކުރުމާއި އަޅައިލުމަކީ ދެކަމެއް ކަމަށެވެ. ޚަރަދުކުރުމަކީ އެންމެ ކަމެކެވެ. އަޅައިލުމުގެ މާނައިގައި އެތައް ކަމެއް ހިމެނިގެންވެއެވެ. އެއިގެ ތެރޭގައި ޚަރަދުކުރުމުގެ އިތުރުން އެމީހުންގެ ހިތަށް ފިނިކަން ގެނެސްދިނުމާއި އެމީހުންނަށް އަޅައިލާކަން ޢަމަލުތަކުން ދެއްކުންވެސް ހިމެނިގެންވެއެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މިބަޔާންކުރި ކަންކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ

އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ ތަފާތު ގޮތްގޮތަށް ކަންކަންކުރާ މީހުންނެވެ. އެއިގެ ތެރެއިން އެއްބައަކީ މައިންބަފައިންނަށް ޒިޔާރަތްވެސް ނުކުރާ އަދި އެމީހުންގެ ޙާލުވެސް ނުބަލާ މީހުންނެވެ. ދެވަނަ ބައަކީ ޚަރަދުކުރިނަމަވެސް ޙާލުބަލަން ނުދާ މީހުންނެވެ. އަދި ތިންވަނަ ބައަކުވެސް އުޅެއެވެ. އެއީ ޚަރަދުނުކުރިނަމަވެސް ޙާލުބަލާ މީހުންނެވެ.

މައިންބަފައިންގެ ކިބައިގައި ފުދުންތެރިކަން ނެތްނަމަ އެމީހުންގެ ބޭނުންތައް ފުއްދައިދީ ބެލެހެއްޓުމަކީ ދަރިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއްވާޖިބެވެ. ހަމައެއާއެކު ޚަރަދުކުރުމަކުން އަދި ނުފުދެއެވެ. އެމީހުންނާއި ބައްދަލުކޮށް ހިތްހަމަޖައްސައިދޭންވެސް ޖެހެއެވެ. ގިނަ މައިންބަފައިންނަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެއީއެވެ.

ތިރީގައި އެވަނީ މިފަދަ މައްސަލަތުގައި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.

އަޅުގަނޑު އަބަދުވެސް މަންމައަށް އެހީތެރިވަމެވެ. ކޮންމެ މަހަކުވެސް ފައިސާ ދެމެވެ. ޙާލުބަލަންވެސް ގުޅަމެވެ. ނަމަވެސް މަންމައަށް ޒިޔާރަތްކުރުން ވެފައި އޮންނަނީ ކުރަން ވަރަށް ބޮޑުކަމަކަށެވެ. ދަތި އުނދަގޫކަމަކަށެވެ.

އެންމެފަހުން އަޅުގަނޑަށް މަންމައަށް ޒިޔާރަތްކުރެވުނީ އަހަރުދުވަސް ފާއިތުވީފަހުންނެވެ. މަންމައާއިއެކު އެ ރޭ 3 ގަޑިއެއްހައިއިރު ހޭދަކުރީމެވެ. ދެމައިން ވަކިވީ ވަރަށް އުފަލުން ތިބެއެވެ.

އެރޭ މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ތިއަ ފޮނުވާ ފައިސާތައް ނުފޮނުވިނަމަވެސް އެންމެ ރަނގަޅެވެ. އެއިން ބޭނުންކުރާކަށްވެސް ނުޖެހެއެވެ. ނަމަވެސް މިހާރަށްވުރެ ގިނައިން ޙާލު ބަލައިލަން ގުޅާށެވެ! އަދި ތަންކޮޅެއް ގިނައިން މަންމައަށް ޒިޔާރަތްވެސް ކުރާށެވެ! މަރުވާނީ ކޮން ދުވަހަކު ކަމެއް ނުއެނގޭނެއެވެ."

ކަންތައްތައްވީ ވަރަށް ތަފާތު ގޮތަކަށެވެ. ހީވެސް ކުރެވިފައި ނެތްފަދަ ގޮތަކަށެވެ. އެއިގެފަހުން 3 ވަނައަށް އައި ދުވަހު ހެނދުނު ފުރަތަމަ ނަގަންޖެހުނު ކޯލުވީ މަންމަ މަރުވެގެން އެކަން އަންގަން ކުރިކޯލަށެވެ.

އެއިގެ ފަހުން 3 އަހަރުވީއެވެ. އަބަދުހެން ކަންފަތުގައި ގުގުމާފައި ހުންނަނީ މަންމަ އާއި އެންމެފަހުން ބައްދަލުވިރޭ މަންމަ ބުނި ބަސްތަކެވެ. ދޭ ފައިސާގެ ބޭނުމެއް ނެތްކަމަށާއި ބޭނުންވަނީ ގިނަގިނައިން ޙާލުބަލަން ގުޅުމާއި މަންމަ އާއި ބައްދަލުކުރުން ކަމަށް ބުނި ބަސްތަކެވެ. މަންމަ ދުނިޔެ އެދޫކުރީ އެރޭގެފަހުން ގުޅައިވެސް ނުލެވެނީހެވެ. ބައްދަލުވެސް ނުކުރެވެނީހެވެ. އެކަންކަމަށް މިހާރު ކިތަންމެ ވަރަކަށް ދެރަވިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މަންމަ އެވަނީ ދުނިޔެއާއިވަކިވެފައެވެ. އޮތް ހަމައެކަނި އުންމީދަކީ ސުވަރުގެއިން ބައްދަލުވުމެވެ.   ކުރެވެން އޮތް ކަމަކީ މަންމައަށް ހެޔޮ ދުޢާކުރުމާއި މަންމައަށް އާޚިރަތް ދުވަހު ފައިދާކުރާނެ ކަންކަން ކުރުމެވެ. އެކަންކަން ކުރާނަމެވެ. އިން ޝާ ﷲ

އަޅުގަނޑުގެ މިހިތި ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލުމުގެ ބޭނުމަކީ މަންމަ އާއިމެދު އަޅުގަނޑަށް ކަންކަން ކުރެވުނު ގޮތަށް ކަންކަން ކުރެވޭ ދަރިންނަށް އަޅުގަނޑަށް ޖެހުނު ޙާލުއަންގައިދިނުމެވެ. އަޅުގަނޑަށް މިއަދު ކުރަންޖެހިފައިވާ ހިތާމަ ކުރަން ނުޖެހޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ބުނެވެ.

މަންމަ އެބުނީ ވަރަށް ބޮޑުވާހަކައެކެވެ. އެއުމުރުގައި ބޭނުންވާނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އަޅައިލުމެވެ. ގިނަގިނައިން ޙާލުބަލައި ބައްދަލުކުރުމެވެ. މީގެމާނައަކީ އެއްވެސް ޙާލެއްގައި މައިންބަފައިން މުސްކުޅިވެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާ ދުވަހު އެމީހުންނަށް ޚަރަދުނުކުރަން ބުނުމެއް ނޫނެވެ. ޚަރަދުކުރަންޖެހޭނެއެވެ.

ޤަބޫލުކުރަންވީކަމަކީ މައިންބަފައިން ދަތިޙާލުގައިވެސް ކެތްތެރިވާނެކަމެވެ. ކެތްތެރިވާން އެންމެ އުނދަގޫވާނީ އެމީހުންނާއި ބައްދަލުނުކޮށް އުޅޭނަމަ އެކަމަށް ކަމެވެ. ހިތާމައަކީ މިކަންކަން އަޅުގަނޑަށްވެސް މިވިސްނުނީ ވަޤުތުފާއިތުވީފަހުންކަމެވެ. މިވާހަކަތައް މިދެއްކީ އެކަންކަން ހިތުގެއަޑިން ޤަބޫލުކުރާ ޙާލުގައެވެ. އަޅުގަނޑުގެ ބޭނުމަކީ އަލުގަނޑަށް މިދިމާވި ފަދަ ހިތްދަތިޙާލަތެއް ތިއަ އަޚުންނާއި އުޚުތުންނަށް ކުރިމަތިވިއަނުދިނުމަށްޓަކައި އަމިއްލަ ތަޖުރިބާ ޙިއްބާކުރުމެވެ.

އަޅުގަނޑަށް ކުރެވުނު ކުށަށް ފާފަފުއްސަވައި ދެއްވެވުން އެދި މިގެންދަނީ ދުޢާކުރަމުންނެވެ. ތިއަ އަޚުންނާއި އުޚުތުންނަކީ އަޅުގަނޑު މިކުރާ ދުޢާ ކުރަން ނުޖެހޭނެ ބައަކު ކަމުގައިވެއްޖެ ނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުކުރެވުނީއެވެ.

 

 

- އަޙްމަދު މަންޞޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ 

 

 

 

 

މިއަދު އޮންލައިން