މަސްތުވާތަކެތި އެތެރެކުރާ އަދި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 23ސ
މަސްތުވާތަކެތި އެތެރެކުރާ އަދި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކޮށްފި

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ނަންބަރު 17/2011 އަށް މުހިންމު އިސްލާޙެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ގިނަ މެންބަރުންގެ ވޯޓާއެކު ފާސްކުރި މި އިސްލާޙުގެ ދަށުން، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމުގެ ބާރު ކޯޓުތަކަށް ލިބިގެންދާނެއެވެ. މި ފިޔަވަޅަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޤާނޫނަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެން ދިއުމެވެ. ނަމަވެސް މި އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައެޅުމަށް އިއްތިފާގުވެގެންނެވެ. ބެންޗުން އިއްތިފާގު ނުވާ ހާލަތެއްގައި، އެ މީހަކަށް އުމުރަށް ޖަލަށްލުމުގެ އަދަބު ދޭން ޖެހޭނެއެވެ. މީގެ އިތުރުން 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޯޓަށް ލިބިގެންވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަރަށް ހަރުކަށި މެސެޖެއް ދެމުން، އިސްލާޙުގައި ބުނެފައިވަނީ މި ޤާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ، އެ މީހަކަށް ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ ކަމަށާއި، އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ބޮޑެތި މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް ލުއިކޮށް ދިނުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި، މިފަދަ މައްސަލަތަކުގައި ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް (ޕްލީ ބާގެނިންގ) ހަދައިގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ކަނޑައެޅޭނެ ވަކި މިންގަނޑުތަކެއް ވެސް އިސްލާޙުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން (ހެރޮއިން) އެތެރެކުރުން ހިމެނެއެވެ. އަދި ކެނަބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ހިމެނެއެވެ. މަރުގެ އަދަބު ދެވޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހާގެ އެއްޗެއްކަން ސާބިތުވެއްޖެ ނަމައެވެ.

މަރުގެ އަދަބު ކަހަލަ ނާޒުކު މައްސަލަތަކުގައި ޤާނޫނީ އިޖުރާއަތްތައް ހަރުދަނާކުރުމަށްވެސް އިސްލާޙުގައި ވަނީ ބާރު އަޅާފައެވެ. ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިއްޖެ ނަމަ، އެ ހުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް، މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ. މިއީ އިންސާފު ޤާއިމުކުރުމުގައި އެއްވެސް ގޯހެއް ނުހިނގުމަށްޓަކައި، ހުކުމްތައް ރިވިއުކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެވުނު މި އިސްލާޙަކީ، ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން