ޒަކާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޒަކާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޒަކާތުގެ އަޅުކަން އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހުށައެޅި ޒަކާތުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ 63 މެންބަރުންގެ ވޯޓާއިއެކުގައެވެ. މި ބިލު މަޖިލީހަށް ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދުއެވެ.

މި ބިލުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަގްސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ޒަކާތް ދައްކަންޖެހޭ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމްވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމްވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމަކީވެސް މި ބިލުގެ މުހިންމު މަގްސަދުތަކެކެވެ. މި ބިލަކީ 6 ބާބަކަށް ބެހިގެންވާ، މުޅިން އަލަށް ފަރުމާކޮށްފައިވާ ބިލެކެވެ.

ބިލުގެ އެންމެ މުހިންމު އެއް މަގްސަދަކީ ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމެވެ. މިގޮތުން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް މި ބިލުގައި ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ. މި ބިލުގެ ސަބަބުން ޒަކާތްފަދަ މުހިންމު އަޅުކަމެއް އަދާކުރާ ގޮތް ރަނގަޅަށް ބެލުމަށް މަގުފަހިވެގެންދާނެއެވެ.

މި ބިލު ފާސްވުމުގެ ސަބަބުން ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް ބެލެވެއެވެ. އަދި ޒަކާތުގެ ރުކުނާ ބެހޭ ގޮތުން ޤައުމު ހޭލުންތެރިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް ޒަކާތް ދެއްކުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިލްމީ މަސައްކަތްތަކެއް ކުރުމަށް މި ބިލުން މަގުފަހިކޮށްދޭނެއެވެ. މިއާއެކު، ޒަކާތުގެ ކަންކަން އިންތިޒާމްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދަށް އަންނާނެއެވެ.

މިއަދު އޮންލައިން