ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ނިންމުމާއެކު ފާއިޒް ރަޝާދު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ މަގާމަކުން ވަކިކުރެވިފައެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ގާޒީ ފާއިޒް ރަޝާދު މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، 56 މެންބަރުންގެ ވޯޓާއިއެކު ވަކިކުރުމަށް ފާސްވިއެވެ. މި މައްސަލައާ ދެކޮޅަށް ވޯޓުދެއްވީ 8 މެންބަރުންނެވެ. ޖޭއެސްސީން މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު މިއަދުގެ ޖަލްސާއަށް ހުށަހެޅުނެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި، ގާޒީ ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އޭނާ އަމަލުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީއެވެ. މި މައްސަލައަކީ ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމެއް ކަމަށް ޖޭއެސްސީން ފާހަގަކުރެއެވެ.
ފާއިޒް ރަޝާދު ވަނީ ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު 22 ގައި ސަސްޕެންޑުވެސް ކޮށްފައެވެ. މަޖިލީހުގެ މި ނިންމުމާއެކު، އޭނާގެ ފަނޑިޔާރުކަމުގެ ދައުރު ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.