ހުއްދަ ނުނަގާ ދުންފަތުގެ ބާވަތް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ. މި ތަން ބަންދުކޮށްފައި މިވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަންފީޒީ އިދާރާތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުންގެ އިދާރާއިން ދިން މައުލޫމާތުގައިވާ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ ހަ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ހަ ތަނުގެ ތެރެއިން ބަންދުކުރެވުނީ، ދުންފަތުގެ ބާވަތް ވިއްކުމުގެ ލައިސަންސް ނެތި ވިޔަފާރި ކުރަމުން ދިޔަ ތަނެކެވެ.
ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ވަކި ޚާއްސަ ލައިސަންސެއް ނަގަން ޖެހެއެވެ. ދުންފަތުގެ ވިޔަފާރީގެ ލައިސަންސް ނަގަންޖެހޭ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު، ލައިސަންސް ނުނަގައި ދުންފަތުގެ ބާވަތް ވިއްކުމަކީ ޤަވާއިދާ ޚިލާފު ކަމެކެވެ.
މި އޮޕަރޭޝަނަކީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަންފީޒީ އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. ސަރުކާރުން ވަނީ ރައްޔިތުންގެ ފަރާތުން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ތަންތަން ފާހަގަކޮށް، އެކަން ރިޕޯޓްކުރުމަށް އެދިފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކަށް ބާރު އެޅިގެންދާނެއެވެ.