ޒުވާނުން ތަމްރީނު ކުރުމުގެ އެކި ޕްރޮގްރާމްތަކުން ފާއިތުވި 2 އަހަރު 541 ޒުވާނުން ތަމްރީނު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޒުވާނުން ތަމްރީނު ކުރުމުގެ އެކި ޕްރޮގްރާމްތަކުން ފާއިތުވި 2 އަހަރު 541 ޒުވާނުން ތަމްރީނު ކޮށްފި

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޒުވާނުން ތަމްރީނު ކުރުމަށް ހިންގި އެކި ޕްރޮގްރާމްތަކުގެ ދަށުން ޖުމްލަ 541 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ޒުވާނުން ބާރުވެރިކޮށް، މުޖުތަމަޢުގައި އެމީހުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. މި މަޤްސަދުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމަކީ މި ދެ އަހަރުގެ ތެރޭގައި އެންމެ ގިނަ ޒުވާނުން ބައިވެރިވެފައިވާ ދެ ޕްރޮގްރާމެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 541 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 159 އަންހެން ކުދިންނާއި، 382 ފިރިހެން ކުދިން ހިމެނެއެވެ. މިހާރުވެސް 172 ޒުވާނުން ދަނީ މި ދެ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މި ޕްރޮގްރާމްގެ ދަށުން 255 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 30 އަންހެން ކުދިންނާއި، 225 ފިރިހެން ކުދިން ހިމެނެއެވެ. މި ޕްރޮގްރާމް މިހާރުވެސް 132 ޒުވާނުން ދަނީ ފުރިހަމަ ކުރަމުންނެވެ.

ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމް: މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 286 ކުދިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 129 އަންހެން ކުދިންނާއި، 157 ފިރިހެން ކުދިން ހިމެނެއެވެ. މި ޕްރޮގްރާމް މިހާރުވެސް 93 ޒުވާނުން ދަނީ ފުރިހަމަ ކުރަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރު ކުރުމެވެ. މިކަން ޙާސިލްކުރުމަށްޓަކައި އެވުޒާރާއިން ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމްތައް ހިންގުމެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން، ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި އެމީހުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން