ދައުލަތުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީ ކުރުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީ ކުރުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ޓްރެއިނިންގ ރިސޯޓުތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުމާއި، ދައުލަތުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީ ކުރުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ އުސޫލުތައް ޤާނޫނުގައި ހިމެނުމެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، ޓޫރިޒަމް ޓްރެއިނިން ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ނިޒާމެއް ޤާނޫނުގައި ތަޢާރަދުކޮށް، އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމާއި ހިންގުމުގެ އުސޫލުތައް ބަޔާންކުރުމެވެ. މީގެ އިތުރުން، ރިސޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމާބެހޭ އުސޫލާއި، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅު ސަރަހައްދު ކަނޑައެޅުމާބެހޭ އުސޫލުތައް ވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީކުރުމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގެ އުސޫލުތަކަށް ބަލާއިރު، ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށާއި ފަޅު ކުއްޔަށް ދޫކުރެވޭނީ ސަރުކާރުގެ މަދުވެގެން %45 ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ މަޝްރޫއުތަކަށް ރަށް އަދި ފަޅު ދޫކުރެވޭނީ މާލީ ގޮތުންނާއި ފަންނީ ގާބިލުކަން ހުރި ކުންފުނިތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ މަޝްރޫއަކަށް ދޫކުރާ ފަޅެއް ނުވަތަ ރަށް އަދި ކުންފުނި ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުންނެވެ.

ޓްރެއިނިން ރިސޯޓްތައް ތަރައްގީ ކުރުމާބެހޭ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެފަދަ ރިސޯޓެއް ތަރައްގީ ކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އެ ދާއިރާގައި ޚިދުމަތް ކުރާ މީހުން ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު ހަދާ ގަވާއިދުތަކާ އެއްގޮތަށެވެ. މީގެ އިތުރުން، ޓްރެއިނިން ރިސޯޓުގައި ހުންނަންޖެހޭ ޝަރުތުތަކާއި ހިންގަންޖެހޭ ޕްރޮގްރާމުތައް ސާފުކޮށް އެނގޭނެހެން ގަވާއިދު ހެދުމަށް ވެސް މި އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ވެސް ހިމެނެއެވެ. މި އިސްލާހުތަކާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ކުންފުނިތަކަށް މި ދާއިރާގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން