ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން މިގެންދަނީ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަކަށް ކަންތައްތަކެއް ކޮށްދެވޭތޯ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދިއުމާ ގުޅޭގޮތުން ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، ސަރުކާރުން އިސްކަންދޭ ބިލުތަކަށް މަޖިލީހުން އިސްކަންދެނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް ދަތިކަމެއްނެތި ސަރުކާރަށް ދެވޭނެ މަގުފަހިކުރުމަށް ކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހަޅާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ މަޖިލިސް ޗުއްޓީއަށް ނުގޮސް އެ މަސައްކަތްތައް ނިންމާ ކަމަށާއި، އަދި ޗުއްޓީގައި އޮތް ކަމުގައިވިޔަސް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން މުހިންމު މަސައްކަތްތައް ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރަށް އެހީތެރިވެދީ، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. "ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ސަރުކާރަށް ކުރިމަތިނުވެ މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ، އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ މިއަހަރުގެ މި މަޖިލީހުގެ މަސައްކަތްތަކާ ދޭތެރޭގައި،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ މިހާތަނަށް ސަރުކާރާއި މެންބަރުންގެ ފަރާތުން ޖުމްލަ 82 ބިލެއް މަޖިލީހަށް ހުށަހެޅުނުއިރު، އޭގެތެރެއިން 60 ބިލެއްގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. މިއީ މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭކަން ހާމަކޮށްދޭ އަދަދެކެވެ. މަޖިލީހުގެ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ސަރުކާރުގެ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އަވަހަށް ގާއިމުކުރެވޭނެކަމަށް ބެލެވެއެވެ.