އަންތބަކު ހުރިކަން ސިއްރުކޮށް ތަނަވަސް ލޯބިވެރިއަކު ހޯދުމުން އަނބިމީހާއާ ލޯބިވެރިޔާ ގެއްލި ދޮށީ ޢުމުރުގެ 5 ދަރިންގެ މަންމައަކާ ކައިވެނިކުރަންޖެހުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަންތބަކު ހުރިކަން ސިއްރުކޮށް ތަނަވަސް ލޯބިވެރިއަކު ހޯދުމުން އަނބިމީހާއާ ލޯބިވެރިޔާ ގެއްލި ދޮށީ ޢުމުރުގެ 5 ދަރިންގެ މަންމައަކާ ކައިވެނިކުރަންޖެހުނު މީހެއްގެ ވާހަކަ-

އެއީ ދަރިއަކު ލިބެންދެން ވަރަށް ލޯބިން ދިރިއުޅުނު ދެމަފިރިންނެވެ. ދަރިއަކު ލިބުމުން އަނބިމީހާއަށް ޖެހުނީ އަބަދުހެން ދަރިފުޅުގެ ކަންކަމާއިގެން އުޅޭށެވެ. ނަތީޖާއަކަށްވީ ގޭތެރޭގެ ކަންކަން ނުކުރެވުނެވެ.  

އެކަމާއިވީ ފޫހިން ފިރިމީހާ ލޯބިވެރިއަކު ހޯދިއެވެ. އެއީ ތަނަވަސް އަންހެނެކެވެ. އެެހންވެ އޭނާ ނުރުހިދާނެތީ އަންތބަކު ހުންނަ ވާހަކައެއް ނުބުނެއެވެ. އެކަން އޮތީ ސިއްރުކޮށްފައެވެ. އެކަން ލޯބިވެރިޔާއަށް ފަޅާއެރީ ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭކަން އެނގުމުން ދަރިފުޅަށްޓަކައި އެކަން ހުއްޓާލައިދިނުން އެދި އަނބިމީހާ އާދޭސްކުރަން ދިއުމުންނެވެ. އެހިސާބުން ދެއަންހެނުންގެ ގުޅުން ދިއައީ ބަދަހިވަމުންނެވެ.  

ފިރިމީހާ އޭނާގެ ލޯބިވެރިޔާއަށް ބޭނުންވެފައިހުރިލެއް ބޮޑުކަމުން އަނބިމީހާއާއި ދަރިފުޅު ދޫކޮށްލާފައި ދިއުމުން އަނބިމީހާ ވަޒިފާއެއް ހޯދިއެވެ. ދަރިފުޅުބަލައި ގޭގެ މަސައްކަތްކުރަން ނޯކަރަކު ހޯދިއެވެ. އަދި ކައިވެނިކުރާނެ މީހަކުވެސް ހޯދިއެވެ.  

ފިރިމީހާ ދަރިފުޅުދެކެލަން ދިއައީ 6 މަސްދުވަސްފަހުންނެވެ. އަނބިމީހާ ހުރީ ވަރަށް ނަލަހެދި ރީތިވެގެންނެވެ. ލިބުނު ހިތްހަމަޖެހުން ބޮޑުކަމުން އަލުން ގުޅެން އެދުނެވެ. އަނބިމީހާ އޭނާގެ ދިރިއުޅުން ކިޔައިދީފައި ބުނީ ވާންއުޅޭ ފިރިމީހާއަށް ބޭވަފާތެރިނުވާނެ ކަމަށެވެ.  

ވީދެރައިންހުރެ ލޯބިވެރިޔާގާތަށް ދިއުމުން ލޯބިވެރިޔާބުނީ އިތުރަށް އެކުގައި ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ. ކުށަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ އަންތބަކު ހުރިކަން ސިއްރުކޮށްގެން ލޯބިވެގެން އުޅުނު ކަމެވެ. ކައިވެނިކޮށްފިނަމަ ހަމަ އެމަކަރު އޭނާއަށްވެސް ހަދާނެތީ ކަމަށެވެ.  

އުންމީދުކުރި ލޯބިވެރިޔާވެސް ގެއްލުނީއެވެ. ލިބޭނެ ކަމަށް އުންމީދުކުރަމުން އައި ތަނަވަސްކަންވެސް ނުލިބުނީއެވެ. މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ލިބުނީއެވެ.  

މިފަދަ އެތައް ޙާދިށާތަކެއް ކޮންމެ ދުވަހަކު ހިނގައެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރިއެވެ. މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރި ފިރިހެނަކަށް ކަންކަން މެދުވެރިވި ގޮތެވެ. މިއަދު އޭނާ ކައިވެނިކޮށްގެން އެހުރީ 5 ދަރިންގެ މަންމައަކާއިއެވެ. ޢުމުރުންވެސް ދޮށީ އަންހެނެކެވެ. އެކަމަކު އުޅޭނެ ތަނެއް ނެތުމުން އޭނާއާއިއެކު އުޅެނީއެވެ. އަމިއްލަ ޙަޔާތާއިމެދު ކޮންމެ ދުވަހަކު ރޮއި ކަރުނައަޅަމުންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

-- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން