އަންހެނުންވެސް އޮފީހަކަށް ނުގޮސް، ނުވަތަ ފައިސާ އިތުރުވާނެ މަސައްކަތެއް އަމިއްލައަށް ނުކުރާނަމަ މިޒަމާނުގައި އެއީ ލަދުވެތިކަމެއްކަމަށް ދެކޭ ބައަކު އެބައުޅެއެވެ. މިވިސްނުމަކީ މުސްލިމުންގެ ހުރެގެންވެސްވާނެ ވިސްނުމެއް ނޫނެވެ. މުޅިން ބާޠިލްވިސްނުމެކެވެ.
އެއްވެސް މައަކާއި "ތިބާ ދިރިއުޅެން ކުރަނީ ކޮން މަސައްކަތެއްތޯ؟" ސުވާލުކުރެވިއްޖެނަމަ "އަހުރެންނަކީ ގޭގައި އިނދެގެން ގޭގެ ކަންކަން ބެލެހެއްޓުމާއި ދަރިން ބަލައި ތަރުބިއްޔަތުކުރުން" ކަމުގައި ޖަވާބުދޭން ލަދުގަންނަ އަންހެނަކަށް މައަކަށްވެވޭނީ ކިހިނަކުން ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މައަކަށް ވެވޭނީ ދަރިން ބަލައި ތަރުބިއްޔަތުކުރުމުންނެވެ. އެކަން ކުރެވޭނީ ގޭގައި އިނދެގެންނެވެ. ތިމާއަކީ މައަކަށް ނުވެވި މައިންނަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ދަރަޖަ ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟
އަހުރެންގެ ނަޒަރުގައި އޮފީހަކަށް ގޮސް ވަޒީފާއަދާކުރާނަމަ މައެއްގެ މަސައްކަތުން ބޮޑުބައެއް އުނިވާނެއެވެ. ނަމަވެސް އެއީ ޙާލަތު ހުރިގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި ވެއްޖެނަމަ ނުކުރާކަށް ނުބުނަމެވެ. މިބުނާ ވާހަކައަކީ ވަޒީފާއަދާކުރަން ގޭގައި އިންނަންޖެހޭތީ ތިމާއަށް ވަޒީފާއެއް އަދާނުކުރެވިގެން އެއްވެސް މައަކު ލަދުނުގަންނާށެވެ! ގޭގައި އިނދެގެން ގޭގެ ކަންކަން ބަލަހައްޓައި ދަރިން ތަރުބިއްޔަތުކުރާނަމަ އެއަދާކުރެވެނީ އެންމެ މަތިވެރި ވަޒީފާއެވެ.
ދެން އޮތީ އެއަށްވުރެވެސް އެއްދަރަޖަ ކުރިއަށް ޖެހިލުމެވެ. އެކަންކުރަން ކުރަންޖެހޭ ކަމަކީ ދަރިންނަށް ޤުރްއާން އުނގަންނައިދިނުމެވެ. ދީން އުނގައންނައިދިނުމެވެ. ޤުރްއާނާއި ދީން އުނގަންނައިދިނުމަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑު މަސައްކަތެއް ނުވެއެވެ.
ވީމާ މިޒަމާނޭ ވަޒީފާއޭ މަތީ މަޤާމޭ މަތީ ދަރަޖައޭ ކިޔައިގެން މީހުން ދައްކާ ވާހަކަތަކަށް އަޅައިވެސް ނުލާށެވެ! މަތީ މަޤާމް ހޯދަން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެންމެ މަތީ މަޤާމާއި ދަރަޖަ ލިބިގަންނަން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ސުވަރުގޭގެ ތަޅުދަނޑި ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑު، ދަރަޖަ އުފުލިގެންވާ މީހަކަށް ވެވިގެންނެވެ. އިން ޝާ ﷲ
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން