ޙަޤީޤީ ޙާދިސާ: ކެންސަރުގެ ބޮޑު އޮޕަރޭޝަނަކަށްފަހު ޑޮކްޓަރު ބުނި މުއްދަތަށްވުރެ މާއަވަހަށް ޤުރްއާނުން ޝިފާ ލިބުނު ދިވެހި އަންހެނެއްގެ ތަޖުރިބާ އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ޙަޤީޤީ ޙާދިސާ: ކެންސަރުގެ ބޮޑު އޮޕަރޭޝަނަކަށްފަހު ޑޮކްޓަރު ބުނި މުއްދަތަށްވުރެ މާއަވަހަށް ޤުރްއާނުން ޝިފާ ލިބުނު ދިވެހި އަންހެނެއްގެ ތަޖުރިބާ އޭނާގެ ދުލުން-

އަޅުގަނޑަކީ ދުލަށް ކެންސަރުޖެހިގެން ދުލާކަރުގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ އަންހެނަކީމެވެ. ތެރަޕީއަށްފަހު ހަފްތާއެއްވީއިރުވެސް އެއްޗެއް ނުވެސް ކެވެއެވެ. ހުންނަންޖެހުނީ ދިޔާއެއްޗެތި ބޮއިގެންނެވެ. ރަހައެއްވެސް ނުލައެވެ. އެހެންވެ ގައަކު ވަރެއް ނުހުރެއެވެ. އަބަދުހެން ހުންނަނީ ވަރުބަލިވެފައެވެ. 

ޑރ. ބުނީ އެކަންކަން ޙައްލުކުރެވެން ހައަކަމަސް ނުވަތަ އަހަރުދުވަސްވެސް ނަގައިފާނެ ކަމަށެވެ. މުއަދަތާއިމެދު އެއްވެސް ޔަޤީންކަމެއް ނެތް ކަމަށެވެ. 

އަޅުގަނޑު އަބަދުވެސް ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރަމެވެ. ފަތިސްނަމާދަށް ސަމާލުކަން ދެމެވެ. ވީވަރަކުން ޤުރްއާން ކިޔަވައި ޛިކުރުތައް ކިޔަވަމެވެ. މިޙާލުގައި ޖެހުމުން އަޅުގަނޑު ޢާންމުކޮށް ކިޔަވާ މުލްކްސޫރަތާއި ވާޤިޢާ ސޫރަތާއި ޔާސީން ސޫރަތުގެ އިތުރުން ބަޤަރާސޫރަތް ކިޔަވަންފެށީމެވެ. ސޫރަތް ކިޔެވެނީ 3 ދަވަހުންނެވެ. 

އަޅުގަނޑު ވަކި ސަބަބެއް ދަންނަވަނީއެއް ނޫނެވެ. ނަމަވެސް ބަޤަރާ ސޫރަތް އެގޮތަށް ކިޔަވަން ފެށިތާ ހަފްތާއެއްގެ ތެރޭގައި މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކެވެން ފަށައިފިއެވެ. ރަހަވެސްލާން ފަށައިފިއެވެ. މިހާރު އެމައްސަލަތަކުން ވަރަށް ބޮޑު ބައެއް ވަނީ ޙައްލުވެފައެވެ. 

ކުރިން ބުނިފަދައިން ޑޮކްޓަރު ބުނުމާއި އެއްޗެއް ނުކެވުމާއި ރަހައެއް ނުލިުމުގެ ސަބަބުން އަޅުގަނޑު ހުރީ ގޮތްހުސްވެފައެވެ. ލިބުނު މާޔޫސްކަން ބޮޑުވެ ހިތްވަރުއެލިފައެވެ. ނަމަވެސް މިއަދު އަޅުގަނޑު މިހުރީ ހިތްވަރު ލިބިގެންނެވެ. އުންމީދުތައް ޙަޤީޤަތަކަށްވުމުން ވަރަށް އުފަލުންނެވެ. އިން ޝާ ﷲ   

އަޅުގަނޑުގެ ތަޖުރިބާ މިއަދުނޫހާއި ޙިއްބާމިކުރީ މިބާވަތުގެ ވާހަކަތައް ވަރަށް ގިނައިން މިއަދުނޫހުން ކިޔަންލިބޭތީއެވެ. އަދި އެކަމުން އަޅުގަނޑަށްވެސް ހިތްވަރުލިބޭތީއެވެ. މުޅި ޤުރްއާނަކީ ޝިފާއެއް ކަމަށް ލިޔެފައި ހުންނަ ވަރަށް ގިނަ ލިޔުން އަޅުގަނޑު ކިޔަމެވެ. ހިތްވަރު ލިބިގަތީ ޢިލްމްވެރިންގެ ބަސްފުޅުތަކުންނެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

ކިޔުންތެރިޔާއަށްވެސް މާތް ﷲ ގެ ވާގިފުޅާއިއެކު މިއަދުނޫހުން ފައިދާކުރީތީ ޙަމްދުކުރަމެވެ. އުންމީދަކީ ވީހާ ގިނަބައަކަށް ފައިދާކުރުމެވެ. ޤުރްޢާނަކީ ޝިފާއެއްކަން އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެކެވެ. 

"ތިމަންރަސްކަލާނގެ ޢަރަބި ނޫން ބަހަކުން ޤުރްއާނެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (ޢަރަބި ބަހުން) އެ ފޮތުގެ އާޔަތްތައް ތަފްޞީލު ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް ޢަރަބި ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، ޢަރަބީއަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ."

(ފުއްސިލަތު: 44) 

"-- އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ."

މިބަސްފުޅު ދެބައަކަށް ބަހައިލަމާ ހިނގާށެވެ! ފުރަތަމަ ބައަކީ " އެ ފޮތަކީ، އީމާންވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސްމެއެވެ." މިބަސްފުޅުން އެނގިގެންދަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އެކަލާނގެ ޙަޟްރަތުން ވާގިއެދޭ މީހުންނަށް ޤުރްއާނަކީ ޝިފާއެއް ކަމެވެ. 

ދެން އޮތީ ދެވަނަ ބައެވެ. " އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ." މިއީ އީމާން ނުވާ މީހުންނަށް އޮތް އިންޒާރެކެވެ. 

ދެން ވިސްނާލަން އޮތް ކަމަކީ ޤުރްއާން ކިޔެވިޔަސް، ދުޢާކުރިޔަސް އެކަމެއް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ވީމާ ބައެއް ފަހަރު ޢިޖާބްކުރެއްވެވުން ލަސްވިޔަސް ކެތްތެރިވާންވާނެއެވެ. އަދި ކިޔުންތެރިޔާ ފަދައިން ރަޙްމަތް ލައްވަވާނެކަން ޔަޤީންކޮށް އަޅުކަމުގައި ޘާބިތުވާންވާނެއެވެ.

 

 

 

މިއަދު އޮންލައިން