އަތުގަ ފައިސާ ގިނަވުމަކީ ފިރިންގެ ސްމާޓްކަން ބޮޑުވާ ކަމެއް ނޫން! އެކަންވާނީ ލޯތްބާ އަޅާލުން ދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަތުގަ ފައިސާ ގިނަވުމަކީ ފިރިންގެ ސްމާޓްކަން ބޮޑުވާ ކަމެއް ނޫން! އެކަންވާނީ ލޯތްބާ އަޅާލުން ދީގެން!

ކައިވެންޏަށްފަހު ދިރިއުޅުމުގެ ހުރިހާ ކަންކަން ބެލެހެއްޓުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ.  އެކަމަށް އެކަކުވެސް ދެބަހެއް ނުވާނެއެވެ. ވީމާ ފިރިހެނުން ވާންޖެހޭނީ ވަރަށް ސްމާޓް ބައަކަށެވެ. ޢާއިލާގެ ޒިންމާ އުފުލޭނެ ބައަކަށެވެ. ދިރިއުޅުމުގެ ކަންކަން ކުރިއާލައި ރާވައިގެން ކުރިއަށް ގެންދެވޭނެ މީހަކަށެވެ.  

މިޘާލަކަށް ބުނާނަމަ ސްމާޓް ފިރިހެނުން އެމީހުންގެ ސްމާޓްކަން ދައްކަން ޖެހޭނީ ކައިވެންޏަށްފަހުގައި އެކަންޏެއް ނޫނެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެކަން ކުރެވޭނީ ތިމާގެ ހުރި ފެންވަރު ފުރަތަމަ ދުވަހުން ފެށިގެން ދައްކައިގެންނެވެ.  

ބުނަން ހެއްޔެވެ؟ ގިނަ އަންހެނުންނަކީ ކޮންމެހެން އެންމެ އަގުބޮޑު ތަންތަނުން ކައިބޮއިހަދަން ބޭނުންވާ ބައެއް ނޫނެވެ. ވީމާ ފުރަތަމަ ކޮޅުގައި ތިމާގެ ނެތް ފެންވަރު ދައްކަން އަގުބޮޑު ތަންތަނުގައި ބައްދަލުކޮށް ކައިބޮއި ނުހަދާށެވެ.  

އެއިގެ ބަދަލުގައި ތިމާގެ ހުރި ފެންވަރުން އެކަންކުރާށެވެ. ނޫންނަމަ ފަހުން އެކަން ބަދަލުކުރީމާ ޤަބޫލުކުރެވޭނީ މިހާރު ތިމަންނާގެ ބޭނުމެއް ނެތީމާ ފަރުވާކުޑަކުރަނީކަމަށެވެ. ކުރިން ތިމާ ގޮވައިގެން ދިއަ ތަންތަނަށް ދާން ބޭނުން ނުވަނީ ކަމަށެވެ. 

ކައިވެންވެންޏަށްފަހު އެއްޗެތި ގަނެދިނުން ފަދަ ކަންކަމުގައިވެސް ހަމަ މިއުޞުލުން ކަންކަން ކުރާށެވެ. ތިމާގެ ހުރި ފެންވަރުން ކަންކަން ކޮށްދޭށެވެ. ފުރަތަމަ ކޮޅުގައި ނެތް ފެންވަރުން އެއްޗެތި ހޯދާދީފައި ފަހުން ބަދަލުކުރުމުން ވިސްނޭނީ ކުރިން މިބުނި ފަދައިންނެވެ. މިހާރު ލޯބިނުވަނީކަމަށެވެ.  

ސްމާޓް ފިރިހެނަކަށްވުމަށް އެމީހަކީ އެންމެ ތަނަވަސް މީހާކަމަށްވާކަށް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި ވާންޖެހޭނީ ލޯބިދީ އަޅައިލާ މީހަކަށެވެ. ދެމީހުންގެ އޮންނަ ގުޅުމާއި ލޯތްބަށް ބަދަލު ނުގެނެސް އަބަދުވެސް އެއްގޮތަކަށް ހިފަހައްޓައިލެވޭ މީހަކަށެވެ.  

އެންމެ ސްމާޓް މީހުންނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެންމެ ސްމާޓް މީހުންނަކީ ދުވަހެއް ދުވަހަކަށް ލޯތްބާއި އަޅައިލުން އިތުރުކުރަން އެނގޭ މީހުންނެވެ. އެކަން ޢަމަލީ ގޮތުން ކުރެވޭ މީހުންނެވެ. އެފަދަ މީހުންކަމުގައި ދެމަފިރިންނަށްވެސް ވެވިއްޖެނަމަ އެކައިވެންޏެއް ރޫޅިގެނެއް ނުދާނެއެވެ. ދުވަހެއް ދުވަހަކަށް އުފާވެރިކަން ދާނީ އިތުރުވަމުންނެވެ އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން