ސިއްރުން ދެވަނަ ކައިވެނިކުރި މީހެއްގެ ޙަޤީޤަތް ފަޅާއެރުމުން 2 އަނބިންނާ ދޮށީ އަނބީގެ ތަނަވަސްކަން އެކުގަ ގެއްލުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ސިއްރުން ދެވަނަ ކައިވެނިކުރި މީހެއްގެ ޙަޤީޤަތް ފަޅާއެރުމުން 2 އަނބިންނާ ދޮށީ އަނބީގެ ތަނަވަސްކަން އެކުގަ ގެއްލުނު މީހެއްގެ ވާހަކަ-

އަހުރެންނަކީ އަންހެނުންނަށް ޚާއްޞަ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން އަންނަ  އަންހެނުންގެ ޑޮކްޓަރަކީމެވެ. އެކުވެރި އެހެން ޑޮކްޓަރަކަށް ދައްކަން އަންނަ އަންހެނަކާއިމެދު ޝައްކުތަކެއް އުފެދުނެވެ. އެއީ އޭނާމަޑުކޮށްގެން އިންނައިރު އަންނަ ކޯލްތަކާއި ކޯލްތަކަށް ޢޭނާ ދޭ ޖަވާބު ބައެއްފަހަރު އަޑުއިވޭތީއެވެ. 

އަހުރެން ދިއައީ އެކަންކަމަށް ވިސްނަމުންނެވެ. އެކަން އެގޮތަށް ދިމާވީ ފިރިމީހާގެ ނަން ބޭނުންކުރާތީއެވެ. ޝައްކު ކުރެވުނު ދެވަނަ ސަބަބަކީ އޭނާގެ ފިރިމީހާ ދުވަހަކުވެސް އޭނާއާއިއެކު ނުފެންނާތީ އެއީ ކާކުކަން ނުއެނގުމެވެ. އެހައި ބޮޑު ސަމާލުކަމެއް ނުދެވުނީ އެއްނަން ކިޔާ ބައިވަރު މީހުން އުޅޭނެތީއެވެ. އެކަމަކުވެސް އޭނާ ދެގަނެ ކޭސް ހިސްޓްރީ އައީ ބަލަމުންނެވެ. އެއީ އަހުރެންކުރާ ކަމެއްވެސް ނޫނެވެ. ނަމަވެސް އޭނާގެ ކޭސްގައި ބެލުނެވެ. 

ދުވަސްފުރައި އޭނާ ވިހަން ހޮސްޕިޓަލަށް އަންނަން އޮތް ދުވަހު ފިރިމީހާ ގާތުގައި ބުނީ މަންމަގެ ފަރުވާއަކަށް އެހެން ހޮސްޕިޓަލަކަށްދާންޖެހިގެން އެދުވަހު ޑިޔުޓީއަށް ނުދާނެ ކަމަށެވެ. އެހެންބުނެފައި ދިއައީ ޑިޔުޓީއަށެވެ. ނަރުހުންނާއި ގުޅައިގެން ކަންކަން ބަލަމުން ގޮސް ލޭބަރ ރޫމަށް އޭނާ ވައްދައިފިކަމާއި ގާތުގައި އޭނާގެ ފިރިމީހާ އެބަހުރިކަމަށް ބުނުމުން ގޮސް މަޑުމަޑުން ލޭބަރރޫމަށްވަނީމެވެ. އެއިރު ފިރިމީހާއާއި ދެމީހުން ވަރަށް ލޯބިން ވާހަކަދައްކައެވެ. ފިރިމީހާ ލޯބިންނާ އުފަލުން ހެމުން އޭނާގެ ބަނޑުގައި ފިރުމައެވެ.  

ގޮސް ގާތުގައި ހުއްޓުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. ފިރިމީހާ އަހުރެންގެ ނަމުން މުޚާޠަބްކުރުމުން އަންހެން މީހާވެސް ދިއައީ ސިއްސައިގެންނެވެ. ދެމީހުން ރައްޓެހިތޯ ސުވާލުކުރުމުން ޖަވާބެއް ނުދެމެވެ. ފިރިމީހާއަކަށް އަނގައަކުން ނުބުނެވުނެވެ. އެހިސާބުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ވިސްނުނެވެ.  

ބުނީމެވެ. "މިވަޤުތަކީ ކަންބޮޑުވާން ރަނގަޅު ވަޤުތެއް ނޫނެވެ. ވީމާ ހަމަޖެހިލައިގެން އޮންނާށެވެ. ވިހަން އަދި އިރުކޮޅެއްވާނެއެވެ." ވިހަންވާއިރު ހުންނާނަންތޯ ސުވާލުކުރުމުން ތިބާގެ ޑޮކްޓަރަށް ނުހުރެވޭނަމަ ހުންނަން މަސައްކަތްކުރާނެ" ކަމަށް ބުނެފައި ނުކުމެގެން އައީއެވެ. ވިއްސާކަށް ނުދަމެވެ. 

ވިހައިގެން އަނެއް ދުވަހު އޭނާ ޑިސްޗާޖްކުރަން ދިއައީ އަހުރެނެނެވެ. ހުރިހާ ކަމެއް ކޮށްދީފައި ބުނީމެވެ. "ފިރިމީހާގެ ގާތުގައި ބުނާށެވެ. އޭނާއަކީ ނަޞީބުވެރިއެކެވެ. އިރާދަކުރެއްވިއްޔާ މިދަރިފުޅާއި އަހުރެން ވިހާ ދަރިފުޅުވެސް ވާނީ ނަޞީބުވެރިންނަށެވެ. އަހުރެންނަކީ އޭނާގެ ދޮށި އަނބިމީހާއެވެ. ކައިވެންޏަށް ފަސް އަހަރެވެ. އެކަމަކު މިއަދުން ފެށިގެން ތިބާއަށް ފިރިމީހާ ހަދިޔާކުރީއެވެ." އެހެން ބުނެފައި ނުކުމެގެން އައީއެވެ.   

އެދުވަހު ހަވީރު ފިރިމީހާ ގެއަށް އަންނަންވާއިރަށް ބެހެއްޓީ ފޮށިފޮށްޓަށް އެއްޗެތި އަޅައިފައެވެ. އައިސްވަނުމާއިއެކު ވަޤުތުން ނުކުމެގެންދާން ބުނީމެވެ. "ފިރިމީހާގެ ސަމާލުކަމާ އެހީތެރިކަން ބޮޑަށް ބޭނުންވާނީ ވިހައިގެން އޮތް އަނބިމިހާއަށް" ކަމަށްވެސް ބުނީމެވެ.  

ފިރިމީހާ ވަރަށް ދެރަވެފައި ބުނީ އަހުރެންވެސް ވިހާނެކަން އެނގިއްޖެކަމަށާއި އެދަރިފުޅަށްވެސް ބައްޕަ ބޭނުންވާނެ ކަމަށެވެ. ޖަވާބުގައި އަހުރެން ބުނީ އެއީ ފަހުގެ މައްސަލައެއް ކަމަށާއި މިހާރު ރަނގަޅުވާނީ މިގެއިން ދިއުން ކަމަށެވެ. އަދި މިގެއަށް އެއްގޮތަކަށްވެސް އައިސްގެން ނުވާނެ ކަމަށެވެ. "ވަރިހުއްދަވާނީ ވިހެއުމުން! އެހިސާބުން އެވާހަކަ ދައްކާނީ! އެކަމަކު މިވަޤުތުން ފެށިގެން އަހުރެންނަކީ ނެތް މީހެއް ކަމަށް ބަލާ!"  

ފިރިމީހާ ވާހަކަ ދައްކަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފުރުޞަތެއް ނުދެމެވެ. ނެރެ ފޮނުވައިލީ ގޭގެ ތަޅުދަނޑިޢާއި އަހުރެން ދީފައި އޮންނަ ކޭޝްކާޑުވެސް އަތުލައިފައެވެ.  

ދުވަސްފުރައި ވިހެއިމެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ވިހާފައި ދަރިފުޅު ދެކެލަން ހޮސްޕިޓަލަށް އަންނަން ބުނީމެވެ. އެކަމަކު ނައުދެއެވެ. އައީ 3 ދުވަސްކޮށްފައި ގެއަށް ދިއަ ފަހުންނެވެ. 3 ދުވަހު އޮތީވެސް ޢޭނާ އައުދޭތޯ ބަލާށެވެ. އެހެންވެ ގެއަށް އައުމުން ނުވައްދަމެވެ.  

ހަށި ހުއްދަވުމުން ވަރިވީއެވެ. އަހުރެން ބުނީމެވެ. "ދެއަންތބަށް ކައިވެނިކުރަން ބޭނުންވި ވާހަކަ ބުނިނަމަ ހުއްދަވެސް ދިނީމުހެވެ. ވަކިވާންޖެހުނީ މަކަރުވެރިއަކާއިއެކުގައި ނުއުޅެން ވެގެންނެވެ. ފަޅާއަރަންދެން ލޯބިވަނީ އަހުރެން ދެކެ އެކަނިކަމަށް ބުނެ ދޮގުހެދީތީއެވެ. އެއީ އަހުރެންގެ ކޭޝްކާޑުގެ ބޭނުމުގައި ކަމަށް ޤަބޫލުކުރެވޭތީއެވެ."  

އޭނާ ބުނީ މަކަރުހަދައި އޮޅުވައިލެވުނީތީ ހަގުއަނބިމީހާވެސް ވަރިވެ އެހެން މީހަކާ މިހާރު ކައިވެނިވެސް ކޮށްފިކަމަށެވެ. އެހެންކަމުން އަލުން ގުޅެން ވަރަށް ބޮޑަށް ބޭނުން ކަމަށެވެ. 

ޖަވާބުގައި އަޅުގަނޑު ބުނީ ދަރިފުޅުގެ ބައްޕައާއި ބާއްވަންޖެހޭ ގުޅުން ނޫން އިތުރު އެއްވެސް ގުޅުމެއް ދެން ނުބާއްވާނެ ކަމަށެވެ. މިވަރުން ފުދިއްޖެ ކަމަށެވެ.  

އަހުރެން ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް ކުރަން ބޭނުންވާ އިލްތިމާސަކީ ފރިމީހާ ދެވަނަ އަންތބަކަށް ބޭނުންވެއްޖެނަމަ ހުރަސް ނުއަޅައި ފުރުޞަތުދޭށެވެ. ނަމަވެސް އޮޅުވާލައި މަކަރުހަދައިފިނަމަ އަވަހަށް ވަކިވާށެވެ.

 

- ޑޮކްޓަރ އަނީސާގެ ފޭސްބުކުން

 

--ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން