"ކަމެއް ކުރަން ބޭނުންވާ ކޮންމެ ފަހަރަކު އޭނާއާ މަޝްވަރާކުރަންވީ ކީއްކުރަން؟ އަހުރެންނަށް ހަމައެއްވެސް ކަމެއް ކުރަންއޮތް ރަނގަޅު ގޮތް ނުއެނީނަތަ؟" މިއީ ދެމަފިރިންކުރެ އެކަކުވެސް އުފައްދައިގެންވާނެ ސުވާލެއް ނޫނެވެ. މިބަޔާންކުރަނީ އެކަން ނުކުރަންވީ ސަބަބުތަކެވެ.
އެދެމަފިރިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ވަރަށް ބޮޑެވެ. ކުދިކުދި ކަންކަން ބޮޑެތި މައްސަލަތަކަށް ބަދަލުވެ އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންތައްތައް ދިއުމުން ދެމަފިރިން ވަރިވުމުގެ ކުރިން އެންމެފަހުގެ މަޝްވަރާކޮށްލަން ޢިލްމްވެރިއަކާ ބައްދަލުކުރިއެވެ.
ބައްދަލުވުމުގައި ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ. ނަމަވެސް ދެމަފިރިން ދެއްކި ވާހަކަތަކުން ޢިލްމުވެރިޔާއަށް އެއްވެސް ކަމެއް އޮޅުންފިލާނެ ގޮތެއް ނުވިއެވެ. އަނބިމީހާއަށް ބުނެވެނީ ފިރިމީހާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. ފިރިމީހާއަށް ބުނެވެނީ އަނބިމީހާ ފަދަ "ބަރާބަރު" އަންތބަކު ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.
މިފަދަ ދެމަފިރިއެއްގެ ކަމެއްގައި ގޮތް ނިންމަން އެނގިވަޑައިނުގަތުމުން ޢިލްމުވެރިޔާ ދެމަފިރިންނަށް ދައުވަތު ދެއްވީ އެރޭގެ ކެއުމަށް ދެމަފިރިން ޢިލްމުވެރިޔާގެ ގެއަށް ގޮސްދިނުމަށެވެ.
ކާނެ އެއްޗެތި ގެނެސް ނިމުމުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން އެއްޗެތި ތަށްޓަށް އަޅައިދީ އުޅުމުގެ ތެރޭގައި ފިރިމީހާ، އަނބިމީހާއަށް ބުންޏެވެ. "މިހިރީ ލޯބިވާއަށް އެންމެ މީރު ކުކުޅު ކުރަނޑި ފިހެފައެވެ."
ޖަވާބުގައި އަނބިމީހާ ބުންޏެވެ. "އަހަރެންގެ "ފުރާނަ"އިގެ މައްސަލައަކީ ތިއައީއެވެ. އަހަރެންނަށް އެންމެ މީރު އެއްޗެތި އަބަދުވެސް ކާންދޭން ބޭނުންވެއެވެ. އެންމެ ބޮޑަށް ބޭނުންވާ ކަންކަން ކޮށްދޭންވެސް ބޭނުންވެއެވެ. ނަމަވެސް އަހަރެންމަށް މީރީ ކޮން އެއްޗެއްކަން، ނުވަތަ ބޭނުންވަނީ ކޮންކަމެއްކަން ހަނދާނެއް ނުހުރެއެވެ. ކުކުޅު ކުރަނޑިއަކީ ދުވަހަކުވެސް މީރުވެގެން އަހަރެން ކައި އުޅޭ އެއްޗެއް ނޫނެއްނޫންހެއްޔެވެ؟"
މިހިސާބުން ޢިލްމުވެރިޔާ ވިދާޅުވިއެވެ. "މިވަގުތުން ފެށިގެން އެންމެ ކަމެއް ކޮށްދޭށެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށް ކަމެއް ކޮށްދޭނަމަ އަނެކާ ގާތު އަހާފައި އެއީ އޭނާ ބޭނުންވާ ކަމެއްކަން ޔަޤީންކުރުމަށްފަހު އެކަމެއް ކޮށްދޭށެވެ. އަދި ގެއަށް ބާޒާރުރަންވާނީ ދެމީހުން އެކުގައި ތިބެ މަޝްވަރާކުރާ ލިސްޓަކަށެވެ! އެގޮތަށް 40 ދުވަސްވަންދެން އެކުގައި އުޅެފައި ވީގޮތެއް ބުނަން އަންނާށެވެ!
ޢިލްމުވެރިޔާ ވިދާޅުވިގޮތަށް 40 ދުވަސް ހޭދަކުރުމަށްފަހު ދެމަފިރިން އެކުގައި ގޮސް ޢިލްމުވެރިޔާއަށް ދެންނެވިއެވެ. "އަޅުގަނޑުމެންގެ މި މައްސަލައިގައި އެކި "ޑޮކްޓަރުން"ގެ އަތުން ބޭސް ސިޓީ ހޯދައިގެން ބޭސްކާތާ 3، 4 އަހަރުވީއެވެ. ތިއަ "ޑޮކްޓަރު" ދެއްވި ފަދަ ބޭސް ސިޓީއެއް ކުރިން ލިބިފައެއް ނުވެއެވެ. އެ 2 ބޭސް ބޭނުންކުރަންފެށުމާއިއެކު ހުރިހާ މައްސަލަތަކެއް ޙައްލުވެ ބައްޔަށް އެކުގައި ޝިފާ ލިބިއްޖެއެވެ. ޑޮކްޓަރު ކިޔަވައި ވިދާޅުވެގެން ތިއަ ހުންނެވީ ހަމަ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީއަކުންނެވެ."
މިމޭރުމުން ބުނެފައި ޢިލްމްވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރުއަދަކޮށްފައި ދިއައީއެވެ. ވަރިކުރުމާއި ވަރިވުމުގެ ބާބު ނިމިގެންދިއައީއެވެ.
- އަލަފް / މިއަދުނޫސް