ހެލްތު ސެޓެފިކެޓަކާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދަޢުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. މި ދަޢުވާ ކޯޓަށް ހުށަހަޅާފައިވަނީ 2025 ޑިސެމްބަރު 3 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން މީޑިއާތަކާ ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަ ތުހުމަތުކުރެވޭ މީހުންނަކީ 2025 ވަަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ފީލްޑް އޮފިސަރުންތަކެކެވެ. އެމީހުންގެ މައްޗަށް ތުހުމަތުކުރެވެނީ، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދިނުމެވެ.
މި މައްސަލައިގައި ދަޢުވާކުރަން ކޯޓަށް ހުށަހަޅާފައިވަނީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އަދި ގދ. ތިނަދޫ، އަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ. ދެމީހުންގެ މައްޗަށް ވެސް ކުރަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދަޢުވާއެކެވެ.
ޕީޖީ އޮފީހުން ބުނީ، މި ދެ މުވައްޒަފުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވެއްޖެ ނަމަ، އަދަބުގެ ގޮތުގައި ކޮންމެ ދަޢުވާއަކަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން، ދަޢުވާ ލިބޭ ދެމީހުންގެ ފަރާތުން ނަސޭޙަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.