ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްތަކުގެ ތެރެއިން، ފުރަތަމަ ފިޔަވަހުގެ ފްލެޓްތައް ހަވާލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތާވަލުކޮށްފައިވާ ތާރީޚުތައް ހާމަކޮށްފިއެވެ. އެގޮތުން، މިމަހުގެ ދެވަނަ ހަފްތާގައި 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރަން ތައްޔާރުވަމުންދާކަމަށް އެފްޑީސީން ވިދާޅުވެފައިވެއެވެ. ސަރުކާރާއި އެފްޑީސީގެ އަމާޒަކީ ޖަނަވަރީ މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް ހަވާލުކުރުމެވެ.
އެފްޑީސީން ޕީއެސްއެމް ނިއުސްއާ ހިއްސާކުރި މަޢުލޫމާތުގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދެން އެންމެ އަވަހަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، 'އުދަރެސް' ޓަވަރުގެ 5 ޓަވަރުގެ ތަޅުދަނޑިތަކެވެ. މި ޓަވަރުތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ ދެވަނަ ހަފްތާގައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ތާވަލަކަށް ބަލައިގެން ކަމަށްވެސް އެފްޑީސީން ވަނީ ހާމަކުރައްވާފައެވެ.
އެފްޑީސީން ހާމަކުރެއްވި ތާވަލަށް ބަލާއިރު، ޑިސެންބަރު މަހުގެ ފަސްވަނަ ހަފްތާގައި 'ދޯދި' ޓަވަރުގެ 7 ޓަވަރުގެ ތަޅުދަނޑި ހަވާލުކުރާނެއެވެ. އަދި ޖަނަވަރީ މަހުގެ ތެރޭގައި 'ދޯދި' އަދި 'އުދަރެސް' ޓަވަރުތަކުގެ އިތުރު ބައިތައް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތާވަލު ތަފްޞީލުކޮށް ތިރީގައި އެވަނީއެވެ:
ފްލެޓްތައް ހަވާލުކުރަން ލަފާކޮށްފައިވާ ތާރީޚުތައް
ޑިސެންބަރު 2ވަނަ ހަފްތާ: އުދަރެސް ޓަވަރު - 11، 12، 13، 15، 16
ޑިސެންބަރު 5ވަނަ ހަފްތާ: ދޯދި ޓަވަރު - 1 ،2 ،3 ،4 ،12 ،13 ،14
ޖަނަވަރީ 2ވަނަ ހަފްތާ: ދޯދި ޓަވަރު - 15 ،16
ޖަނަވަރީ 3ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 6، 8
ޖަނަވަރީ 4ވަނ ހަފްތާ: އުދަރެސް ޓަވަރު - 1، 2، 3، 4، 7
ޖަނަވަރީ 5ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 10
ޖަނަވަރީ 5ވަނަ ހަފްތާ: ދޯދި ޓަވަރު - 5، 6، 7، 8، 9، 10، 11
އެފްޑީސީން ފާހަގަކުރެއްވި ގޮތުގައި، މި ތާވަލަކީ މިހާރު ލަފާކުރާ ތާވަލު ނަމަވެސް، މަސައްކަތްތަކުގެ ކުރިއެރުމަށް ބަލާފައި ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ފްލެޓްތައް ވީހާވެސް އަވަހަށް ހަވާލުކުރުމަށް ސަރުކާރުންނާއި އެފްޑީސީން މަސައްކަތް ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.