ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބު އެޕްރީލް މަހު ބާއްވަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބު އެޕްރީލް މަހު ބާއްވަން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ތާރީޚު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ. މި ދެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގެ ކަންކަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އީސީން ވަނީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިޢުލާންކޮށްފައެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފައެވެ. މި މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. މި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

މިއަދު އޮންލައިން