ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުރިހާ ރަށެއްގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސްޓެލްކޯ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުރިހާ ރަށެއްގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ ހަކަތަ އުފެއްދުމުގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ޝަމާހު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ "ނިއުސްގެ ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ނިމުމަކަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޝަމާހު އިޝާރާތްކުރެއްވި ގޮތުގައި، ހަކަތަ އުފެއްދުން 100 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމަކީ ބައެއް ހާލަތްތަކުގައި އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެންމެ އެކަށީގެންވާ ގޮތަކީ ހައި ބްރިޑް ސިސްޓަމް ތައާރަފްކުރުން ކަމަށެވެ. މީގެ ސަބަބު ބަޔާންކުރައްވަމުން އޭނާ ވިދާޅުވިއެވެ: "100 ޕަސެންޓަށް ކުރިއަށް އަޅުގަނޑުމެންނަށް ޖެނެރޭޓަރުތައް މިހެން އެއްކައިރި ނުކުރެވޭނެ. ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ ވިއްސާރަ މޫސުމުގައި އަޅުގަނޑުމެން ކިހިނެތްތޯ ހަދާނީ. އެވަރަށް އަވި ނުދީ އެވަރަށް ސޯލަރ ޕަވަރ ނުލިބިއްޖެއްޔާ ކޮންމެ ގޮތެއްވިއަސް ބެކަޕް ސިސްޓަމްތައް ހުންނަން ޖެހޭނެ. މީގަ އެންމެ ރަނގަޅު ގޮތަކީ ހައި ބްރިޑް ސިސްޓަމް ތައާރަފްކުރުން. އަޅުގަނޑުމެން ކުރިއަށް އޮތްނުގައި ހުރިހާ ގޮތަކަށް ބަލާނަން. ކޮން ގޮތެއްތޯ ރަނގަޅީ. ރައީސްގެ ވައުދާ އެއްގޮތަށް ހުރިހާ ރަށެއް ކާރބަން ނިއުޓްރަލް ކުރުމުގެ މަސައްކަތް ނިންމާލާނަން. އެއްކޮށެއް ނޫން 33 ޕަސެންޓު."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވައުދުފުޅުތަކުގެ ތެރޭގައި، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ، 5 އަހަރު ދުވަހުގެ ތެރޭގައި އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ވައުދު ހިމެނެއެވެ. ސްޓެލްކޯގެ މި މަސައްކަތަކީ މި ވައުދުފުޅު ފުއްދުމަށް ސަރުކާރުން ކުރާ ބޮޑު މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން