ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ 1 ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމަށްފަހު، އެފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ގޮތްތައް ހެދުމަށް ސަރުކާރުން ދަނީ ވިސްނަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ރައްޔިތުންގެ ފަރާތުން އާންމުކޮށް ހުށަހަޅަމުންދާ އެދުމަކަށް ބިނާކޮށް، ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓްތައް ދޫކޮށްލާ ފަރާތްތަކަށް ގޯތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ފަހިކުރައްވާ މަގެކެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ 'އަލަތު ކައިވެނި' (ފަސްޓް މެރިޖް) ފްލެޓްތަކާ ގުޅޭގޮތުންވެސް ތަފްސީލު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން އެ ފްލެޓްތައް އެއްކޮށް ދޫކޮށްފައިވާތީ، މިހާރު އެތަންތަން ނެތް ކަމަށެވެ. ނަމަވެސް، ފްލެޓް ގެއްލިފައިވާ ފަރާތްތަކަށް މި ސަރުކާރުން ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ފްލެޓް ދިނުމުގެ ވަޢުދުގައި ސަރުކާރުން ދެމިހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި އެ ފްލެޓްތައް އެއްކޮށް ދީފަ އެހުރީ. އެހެންވެ އެތަަންތަން ނެތީ. އެހެންނަމަވެސް އަޅުގަނޑުމެން ވެފައިވާ ވަޢުދެއް އެއީ ކުރީ ސަރުކާރުން ފްލެޓްތައް އަތުލާފަ ވީބަޔަކަށް ވެއްޖެއްޔާ ސަރުކާރުން ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރއިން އެ ފްލެޓްތައް އެ ބަޔަަކަށް ދޭނެކަމަށް. އެހެންމަ އެކަންކަން އަޅުގަނޑުމެން އެގޮތަށް ކުރިއަށްދާނަން."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯތި އެއްކޮށް ދޫކޮށް ނިމުމާއެކު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. އެހެންކަމުން، ސަރުކާރުން ދަނީ މި ސްކީމްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.