ފަށްކުރުމެއް-: އަލުން ބައިތުލްމަޤުދިސް ޢިމާރާތްކުރުން

ކިޔުމަށް ހޭދަވާނީ 3މ 2ސ
ފަށްކުރުމެއް-: އަލުން ބައިތުލްމަޤުދިސް ޢިމާރާތްކުރުން

ޢަލީ އިޙްޞާން ފިރާޤް

 

އިސްވެދިޔަ ޙާދިޘާއިން އެނގޭފަދައިން އޭރު ބައިތުލް މަޤުދިސްވަނީ ވަރަށް ބޮޑަށް ހަލާކުވެ ސުންނާފަތިވެފައެވެ. هشام بن محمد بن السائب الكلبي ވިދާޅުވެފައިވެއެވެ. މާތް، أَرْمِيَا عَلَيْهِ السَّلَامُ  އަށް ވަޙީ ކުރެއްވިއެވެ. [ތިމަންރަސްކަލާނގެ ބައިތުލްމަޤުދިސް ބިނާކުރައްވާހުށީމެއެވެ. ކަލޭގެފާނުވަޑައިގެން އެރަށަށް ފައިބައިވަޑައިގަންނަވާށެވެ.] ދެން أَرْمِيَا عَلَيْهِ السَّلَامُ  އެރަށަށް ވަޑައިގެން ބެއްލެވިއިރު އެތަންވަނީ ވީރާނާވެ ހަލާކުވެފައެވެ. އެހިނދު އެކަލޭގެފާނު އަމިއްލަ ނަފުސަށް ވިދާޅުވިއެވެ. [سبحان الله އެވެ. މާތް ތިމަންކަލޭގެފާނަށް މިރަށަށް ފައިބައިވަޑައިގަންނަވަން އަމުރުކުރެއްވިއެވެ. އެކަލާނގެވަނީ މިރަށް އަލުން ބިނާކުރައްވާނެކަން އަންގަވާފައެވެ. އެކަލާނގެ އަލުން އެތަން ބިނާކުރައްވާނީ ކޮންއިރަކުން ބާވައެވެ. އެރަށް މަރުވުމަށްފަހު ދިރުއްވާނީ ކިހިނަކުންބާވައެވެ.] 

މިހެން ޚިޔާލުފުޅުކުރައްވަމުން ވަޑައިގެން އެރަށުގެ ތަނެއްގައި އޮށޯވެވަޑައިގެން އަވަހާރަފުޅު ލެއްޕެވިއެވެ. އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ޙިމާރާއި، ފަރީއްކުޅުއްވުމަށް ގެންދެވި ކާބޯތަކެތިވިއެވެ. އެކަލޭގެފާނު އަވަހާރަފުޅަށް އޮންނެވި ދުވަސްވަރުގައި بخت نصّر އާއި لِهْرَاسْبُ އޭ ކިޔުނު ރަސްގެފާނު މަރުވެއްޖެއެވެ. މި ރަސްގެފާނު 120 އަހަރު ދުވަސްވަންދެން ރަސްކަންކުރެއްވިއެވެ. ދެން ރަސްކަމަށް އިސްވީ އޭނާގެ ދަރިކަލުން  بَشْتَاسِبُ بْنُ لِهْرَاسْب އެވެ. މީނާއަށް بخت نصّر މަރުވި ޚަބަރު ލިބިގެން ބާބިލުގައި ތިބި ބަނީއިސްރާއީލުންގެ މީސްތަކުންނަށް އެންގިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ބައިތުލްމަޤުދިސަށް ނުވަތަ ޝާމުކަރައަށް ދާންބޭނުން މީހަކު ގޮސް ވަޒަންވެރިވާށެވެ.]  

އޭރު ބައިތުލްމަޤުދިސްވަނީ ވީރާނާވެ، ވަލުޖަނަވާރުންގެ ހާއްޔަކަށްވެފައެވެ. ދެން بَشْتَاسِبُ ބައިތުލްމަޤުދިސާއި އެތަނުގެ މިސްކިތް ބިނާކުރެއްވުމަށް އަމުރުކުރެއްވިއެވެ. ދެން ބަނީއިސްރާއީލުންގެ މީސްތަކުން އެތަނަށް ގޮސް އެތަން ބިނާކުރެއްވިއެވެ. أَرْمِيَا عَلَيْهِ السَّلَامُ  އަވަހާރަފުޅު ލައްވަޕައިފައި އޮންނަވާތާ 70 އަހަރުފަހުން އެކަލޭގެފާނު އެސްފިޔަ ޖައްސަވައިލެއްވި ވަގުތު ބައިތުލްމަޤުދިސް ބިނާކުރަމުން ގެންދިޔަ މަންޒަރު ދެކެވަޑައިގެންނެވިއެވެ. އެއަށްފަހު އިތުރު ތިރީސް އަހަރު އަވަހަރާފުޅަށް އޮންނަވައި 100 އަހަރު ފުރިހަމަ ކުރެއްވިއެވެ. ދެން މާތް އެކަލޭގެފާނު އެ އަވަހާރަފުޅުން ހޭލެއްވުމުން އެކަލޭގެފާނު ހީފުޅުކުރެއްވީ އަވަހާރަފުޅުގައި އޮންނެވުނީ އެއްގަޑިއިރުކަމުގައެވެ. 

ދެން އެކަލޭގެފާނު އެރަށަށް ނަޒަރު ހިންގަވައިލެއްވިއެވެ. އެކަލޭގެފާނަށް ކުރިން ފެނިވަޑައިގެންނެވީ އެތަން އެކީއެކަށްޗަށް ސުންނާފަތި ވެފައިވާތަނެވެ. ނަމަވެސް މިހާރު ފެނިވަޑައިގެންނެވީ އެރަށް ޢިމާރާތްކުރެއްވި މީސްތަކުން އާބާދުވެފައިވާތެނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. [އަރަހުށި މާތް އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ތިމަންކަލޭގެފާނަށް އެނގެއެވެ.] 

ބަނީއިސްރާއީލުންގެ މީސްތަކުން އެތަނުގައި ވަޒަންވެރިވެގެން މުއްދަތެއްވަންދެން ތިއްބެއެވެ. އޭގެފަހުން ރޫމުކަރައިގެ ރަސްރަސްކަލުން އެތަނަށް އަރައި އެބައިމީހުން ބަލިކުރިއެވެ.

 

 

މިއަދު އޮންލައިން