ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ކަމަށްބުނެ ވަރިކުރާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ކަމަށްބުނެ ވަރިކުރާ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަހުރެމެންނަށް ދަރިއަކު ލިބުނީ ކައިވެންޏަށް 3 އަހަރުގައެވެ. އަހުރެންނަކީ އަބަދުވެސް ތަންކޮޅެއް ފަލަކޮށް ހުންނަ އަންހެނަކަށްވާތީ ނަމަވެސް ވިހެއުމަކުން ހަށިގަނޑަކަށް މާބޮޑު ބަދަލެއް ނައުދެއެވެ. އަދި އެކަމަކަށް ނުވެސް ވިސްނަމެވެ. 

ކައިވެންޏަށް 4 ވަނަ އަހަރު ފިރިމީހާ އަހުރެންނާއި ދުރުހެލިވާން ފެށިއެވެ. ދުރުހެލިވަމުން ގޮސް ދެމީހުންގެ މެދުގައި ބާއްވަންޖެހޭ ހުރިހާ ގުޅުންތަކެއް ކަނޑައިލިއެވެ. ގެއަށްކުރަމުން އައި ޚަރަދުވެސް ބޮޑުތަނުން ކުޑަކުރިއެވެ. އެކަމަކުވެސް ބަހެއް ނުބުނަމެވެ. ދަރިފުޅަށް ސަމާލުކަން ދިނުމުން ލިބޭ ހިތްހަމަޖެހުމުން ފުއްދާލައިގެން ހުރީ ދަރިފުޅަށް ދަރިފުޅުގެ ބައްޕަ މުހިންމުވާނެތީއެވެ.  

ފިރިމީހާއަށް އެވަރަކުންވެސް ނުފުދުނެވެ. އަހުރެމެން ދެމައިން ދޫކޮށްލާފައި ހަމައެކަނި ދިއައީއެއް ނޫނެވެ. ދަމުން އަހުރެންގެ ސިފައަށް ފުރައްސާރަކުރިއެވެ. އަދި ދެލޯ ސަލާމަތުން ހުރި މީހަކު އަހުރެންނާއިއެކުގައި ނުއުޅޭނެކަމަށްވެސް ބުންޏެވެ. އެބަހަށް ޖަވާބެއް ދިނީމެވެ. "ތިބާ އަހުރެންނާއި ގުޅި ކައިވެނިކޮށް މިހާތަނަށް އެކުގަ ތިއައުޅުނީ މިސިފައިގައި ހއްޓައިދޯއެވެ!" އެނޫން ބަހެއް ނުބުނަމެވެ.  

އެކަނިވުމުން މަންމކަ ގާތުގައި އެދިގެން މަންމަ ގެއަށް ގެނުވީމެވެ. އެއީ ވަޒީފާއަށް ދިއުމަށްޓަކައެވެ. ވަޒީފާއެއް ހޯދީމެވެ. ވަޒީފާއަދާކުރަންފެށީމެވެ. ލިބޭ މުސާރަވެސް ރަނގަޅެވެ. އެހެންވެ ސޭވްކޮށްގެން ކަސްރަތުކުރާ ބައެއް ތަކެތި ގަތީމެވެ. އެއީ ކޮންމެހެން ހުރި ސިފައިގައި ފިރިއަކު ނުލިބިދާނެތީއެއް ނޫނެވެ. ތަންކޮޅެއް ފިޓްކޮށް ހުރުމުގެ ބޭނުމުގައެވެ.  

ގަތްތަކެތި ހިފައިގެން ގޭގައި ބަހައްޓައިދޭން އައިމީހާ އެކަން ކޮށްދީފައި ދަމުން ސުވާލެއް ކުރިއެވެ. "ތިއަވަރުން ތިއައުޅެނީ ފިރިމީހާ ގެއްލިދާނެތީ ހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ފިރިމީހާ ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. މިއުޅެނީ ތަންކޮޅެއް ފިޓްކޮށް ހުރެވޭތޯ ބަލަންވެގެންނެވެ." ޖަވާބުގައި އޭނާ ބުނީ ފިތްވުމަކީ ޞިއްޙަތަށް ފައިދާކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރުވެސް ވަރަށް ރީތިކަމަށެވެ.  

ކޮންމެއަކަސް އެވާހަކަކޮޅަށްފަހު ދެމީހުންގެ މެދުގައި ގުޅުން އުފެދުނެވެ. ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކައިވެނިކޮށް އައު ދިރިއުޅުމަކަށް ފަށައިގަނެވުނެވެ. 

ހައަކަ މަސް ފަހެވެ. އެއްރޭ މީހަކު ބެލްޖެހުމުން ދޮރުހުޅުވީ ފިރިމީހާއެވެ. ކުރީގެ ފިރިމީހާގެ ފޮޓޯ ފެނިފައިހުރުމުން އެއީ އޭނާކަން އެނގުމުން އެތެރެއަށްވައްދާފައި ދެމީހުން އެކަނިކޮށްލައި ކޮޓަރިއަށްދިިއުމަށް ހިނގައި ގަތުމުން އެކަން ހުއްޓުވައި ކައިރިއަށް ގެނުވީމެވެ.  

ކުރީގެ ފިރިމީހާ ބުނީ އެނބުރި މިއައީ މާފަށް އެދި އަލުން ގުޅުމުގެ ބޭނުމުގައި ކަމަށެވެ. ދަރިފުޅާއި ވަކިން ހުންނަން އުނދަގޫވެގެން ކަމަށެވެ. އަހުރެން ބުނީމެވެ. "ބަލަ އަހުރެން މިހުރީ ހަމަ އެސިފައިގައި ނޫން ހެއްޔެވެ؟" އޭނާ ބުނީ އެދުވަހު އެހެން ބުނެވުނީ ސިފަ ހުތުރުވެގެން ނޫންކަމަށާއި ވަކިވާން ބޭނުންވެގެން ހުރުމުން ބުނެވުނު ބަހެއް ކަމަށެވެ.  

"އަހުރެން ބުނީމެވެ. "މައްސަލައެއް ނެތެވެ. ދަރިފުޅު ލިބުމުން ދިން އަދަބު ފުދެއެވެ. ހެދި ގޮތްވެސް ފުދެއެވެ. ބުނި ބަސްތައްވެސް ފުދެއެވެ. ދަރިފުޅަށްޓަކައިވެސް ކައިވެނިކުރެވޭނީ ދެފިރިން ހުއްދަނަމަތާއެވެ. ވީމާ ބުނެވެން އޮތީ ވަން ދޮރުން އަވަހަށް ނުކުންނާށެވެ. ދަރިފުޅާއި ބައްދަލުކުރަންބޭނުންނަމަ ފިރިމީހާއާއި ގުޅައި އޭނާ ގޭގައި ހުންނަ ވަޤުތަކު އަންނާށެވެ. ދަރިފުޅާއި ބައްޕަ ދުރުކުރުވާކަށް ނެތީމެވެ."  

އިސްދަށަށް ޖަހައިގެންހުރެ ނުކުމެގެންދިއަ ގޮތަކަށް ނުދެކެވެ. މިހާރު 5 އަހަރުވީއެވެ. ޙަޤީޤަތަކީ ފެނުނު ރީތި ލޯބިވެރިޔާ ލަނޑުދިނީމައި އުޅޭނެ ތަނެއް ނެތިގެން އެނބުރި އައީއެވެ.  

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.  

 

- ރުޤިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން