މުސްލިމުން މުސްލިމުންގެ ގޮތުގައި ޘާބިތުވެއްޖެނަމަ ބަލިކުރެވޭނެ ބައަކު ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މުސްލިމުން މުސްލިމުންގެ ގޮތުގައި ޘާބިތުވެއްޖެނަމަ ބަލިކުރެވޭނެ ބައަކު ނެތް!

މުސްލިމުންނަށް ޖެހިފައި މިތިބަ ނިކަމެތި ޙާލު ޖެހިފައި މިތިބީ ހަމަ އެއްވެސް ބާރެއް ނެތީމަތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބަކީ ޙަޤީޤީ ބާރު އޮތީ މުސްލިމުންގެ އަތުގައެވެ. ނަމަވެސް އެބާރު ބާރަކަށް ނުހެދެނީއެވެ. އެބާރަކީ އެންމެ ވަރުގަދަ ބާރުގަދަ ބާރުކަމަށް ހަދަން ކުރަންޖެހޭ ކަންތައް ނުކުރެވެނީއެވެ.  

މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭއިރަށް ތިމާމެންނަކީ އެންމެ ބާރުގަދަ ފަރާތްކަމަށް ޤަބޫލުކުރެވެނީއެވެ. ތިމާމެންގެ ބާރުވެރިކަން ތިމާމެންގެ ކިބައިން ބީވެގެން ނުދާނެކަމަށް ޤަބޫލުކުރެވެނީއެވެ.  

އެއީ ކޮންމެ ޤައުމެއްކަމަށްވީނަމަވެސް އަދި ދުނިޔޭގެ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ އދ ކަމަށްވީނަމަވެސް ބުނެލަން އޮތީ ލިބިގެން ތިއައުޅޭ ބާރުވެރިކަން ދާދި އަވަހަށް އަތުން ބީވެގެން ހިނގައިދާނެއެވެ.  

މިއީ އަހުރެން ދައްކާ ވާހަކައެއް ނޫނެވެ. މާނައަކީ އަހުރެންގެ ޚިޔާލަށް ދައްކާ ވާހަކައެއް ނޫނެވެ. ނިކަން ބުނެބަލާށެވެ! މިހައިތަނަށް ދުނިޔޭގައި އުފެދުނު ބޮޑެތި ބާރުތައް ކޮބައިހެއްޔެވެ؟ މުޅި ދުނިޔެއަށް ބާރު ފޯރުވައި ޤައުމުތައް އަޅުވެތިކުރަމުން ދިއަ ޤައުމުތަކާއި ވެރިން ކޮބައިހެއްޔެވެ؟  

ބާރަކީ ފައިސާވެރިކަން ބޮޑުވެފައި ޒަމާނީ ހަތިޔާރު ގިނަވުމަކުން ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ބައަކަށްވެސް ބާރު ދެއްވަވަނީ ﷲ ތަޢާލާއެވެ. އަނބުރައި ގެންދަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ ބާރު ނެތި ނިކަމެތިވުން އޮންނާނީ ދާދި ގާތުގައެވެ.  

މުސްލިމުންނަށް ބުނެލަން އޮތީ ދެރަވެ މާޔޫސްނުވާށެވެ! ބާރުގަދަވެގެން އުޅޭ އެއްވެސް ފަރާތަކަށް ބިރުވެތިނުވާށެވެ! ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވުމުގައި ޘާބިތުވެލާށެވެ! ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ.  

މުސްލިމުން ކުރި ހަނގުރާމަތައް ކާމިޔާބުކުރެވިފައިވަނީ މުސްލިމުންގެ ޢަދަދު ގިނަވެފައި އަތުގައި ހުރި ހަތިޔާރު ގިނަވެގެނެއް ނޫނެވެ. އެމީހުންގެ އީމާންކަން ވަރުގަދަވުމުންނެވެ. ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުނީތީއެވެ.  

މިއަދު މުސްލިމުންނަށް ކުރިއެރުމާއި ކާމިޔާބީ ނުލިބިގެން މިއުޅޭ ސަބަބަކީ އެކަންކަން ދޫކޮށްލެވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އަޅުވެތިވުމުގެ ބަދަލުގައި ﷲ ތަޢާލާ ބާރުދެއްވެވި ބައަކަށް ބިރުގަނެ އަޅުވެތިވެވޭތީއެވެ. އެކަން އިޞްލާޙްކޮށްލައިފިނަމަ ހުރިހާ ކަންކަން ބަދަލުވެ އެންމެ ބާރުގަދަ ބައަކީ މުސްލިމުން ކަމުގައިވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން