މީހަކު ބަހެއް ބުނެލާއިރަށް ދެރަވެ ރޮއި ކަރުނަ އަޅަމުއެވެ. ލޯބިވެރިޔާ ރުޅިވެއްޖެނަމަ ހިތާމަކޮށް ކަރުނައަޅަމުއެވެ. އެކަމަށް ދެރަވެ ހިތާމައިގައި އެތައް ދުވަހެއްވަންދެން ކަރުނައަޅަމުއެވެ. މިފަދަ ކަންކަމުގައި ކަރުނައެޅުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ އަނިޔާއެވެ.
ދެން ނިކަން ބުނެބަލާށެވެ! މައިމީހާގެ ބަނޑުގައި ތިބާ ލައްވަވައި 9 މަހަށްވުރެ ގިނަ ދުވަހު ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަން ތިބާއަށް ފުރިހަމަކޮށްދެއްވަވައި މީހުން ދެކެ ލޯބިވާނެ ހިތް ތިބާއަށް ދެއްވެވި ﷲ ތަޢާލާއަށް އުރެދިފައި ހިތާމަކޮށް ކަރުނައަޅަމުހެއްޔެވެ؟ ތިބާ ދުނިޔެއަށް އުފަން ނުކުރެއްވެވިނަމަ ތިބާ އެއްވެސް މީހަކު ދެކެ ލޯބިވާނީ ކިހިނަކުންނެއްޔެވެ؟ ތިބާގެ ހިތުގައި ލޯބިވުން ނުލެއްވެވިނަމަ ތިބާއަށް އެއްވެސް މީހަކު ދެކެ ލޯބިވެވުނީސް ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! ބޮޑަށް ލޯބިވާންވީ ލޯބިވެރިޔާ ދެކެ ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތަށް ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ ބޮޑަށް ލޯބިވާފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ. ފާފައަކަށްވެދާނެ ކަމެއް ކުރެވުނަސް ދެރަވެ ހިތާމަކުރާށެވެ! ފާފައެއް ކުރެވިއްޖެނަމަ ވަކިން ބޮޑަށް ދެރަވެ ހިތާމަކުރާށެވެ! ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެ ރޮއި ކަރުނައަޅާށެވެ! ސުވަރުގެ ނުލިބި ނަރަކައަށް ވަންނަން ޖެހިދާނެކަމަށް ބިރުވެތިވެ ކަރުނައަޅާށެވެ!
ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު އެންމެ ކަރުނަ ތިއްކެއް ލޮލުން ވައްޓައިލެވިއްޖެނަމަ ވެސް އެކަމުގެ އަގު އެނގޭހެއްޔެވެ؟ އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ. އެހެން މިބުނަނީ ޤިޔާމަތް ދުވަހު އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތީއެވެ. އިން ޝާ ﷲ. އެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ވީމާ ދެރަވެ ހިތާމަކޮށް ކަރުނައަޅަންވީ ލޯބިވެރިޔާ ވަކިވުމަކުން ނޫނެވެ! ﷲ ތަޢާލާއަށް އުރެދެވިއްޖެނަމައެވެ. ފާފައެއް ކުރެވިއްޖެނަމައެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރެވިއްޖެނަމައެވެ. ތިބާއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައް، ސުވަރުގެ ގަރަންޓީކޮށްދޭނެ އެއްކަމަކަށް އެކަންވެގެންޑާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން