ތިމާއަކީ ރަސޫލާ ޞޢޥ ދެކެ ލޯބިވާކަމަށް ބުނެވިދާނެ މީހެއްތަ؟ މިކަންކަމަށް ވިސްނައިލާފަ ނިކަން ބުނެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިމާއަކީ ރަސޫލާ ޞޢޥ ދެކެ ލޯބިވާކަމަށް ބުނެވިދާނެ މީހެއްތަ؟ މިކަންކަމަށް ވިސްނައިލާފަ ނިކަން ބުނެބަލަ!

އަހުރެމެން މީހަކު ދެކެ ލޯބިވެއްޖެނަމަ ދުވާލަކު އެތައް ފަހަރަކު އޭނާއަށް ގުޅައި އޭނާގެ ކަންކަން ބަލައެވެ. ލޯބިކުރާ ކުޅިވަރެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ކުޅުނަސް އެކަން ހިނގާ ގޮތްވެސް ބަލައެވެ. މިހެންގޮސް އެމީހަކު ޝައުޤުވެރިވާ ހުރިހާ ކަމެއްގެ ކަންކަން ހިނގާ ގޮތްވެސް ވަރަށް ރަނގަޅަށް ބަލައެވެ.  

އެކަމަކު ﷲ ތަޢާލާއަށްފަހު އަހުރެމެން އެންމެ ބޮޑަށް ލޯބިވާންޖެހޭ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިން ހަނދާންވެ އިތުރުއެކަލޭގެފާނުގެ މައްޗަށް ދުވާލަކު ކިތައްފަހަރު ޞަލަވާތް ކިޔަވާލަމުހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވަންވީ ސަބަބުތައް ކޮންމެ ހުކުރު ޚުޠުބާއެއްގައި ކިޔައި ހަނދާންކޮށްދެއެވެ. އެއީ އެކަމުގެ މަތިވެރިކަން ބޮޑުކަމުންނެވެ. އެންމެ ފަހަރަކު ޞަލަވާތް ކިޔެވިނަމަވެސް ދެއްވަވާނެ ޘަވާބުވެސް ކިޔައެވެ.  

ޤިޔާމަތް ދުވަހު އަހުރެމެންނަށް ސަލާމަތްކަން ލިބި ސުވަރުގެ ވަދެވެން އޮތީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ލިބިގެންނެވެ. ކައުޘަރު އާރުން އިތުރުއެކަލޭގެފާނުގެ އަތްޕުޅުން ފެންފޮދެއް ބޯން ލިބިގެންނެވެ.  

ވީމާ ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިން ހަނދުމަކުރާށެވެ! ޞަލަވާތް ކިޔަވާށެވެ. ޚާއްޞަކޮށް ހުކުރު ދުވަހު ޞަލަވާތް ކިޔެވުން ގިނަކުރާށެވެ!   

އެއިގެ ފަހަތަށް ތިމާ ދުނިޔެއިން ލޯބިވާ ކަންކަން ގެންނާށެވެ! ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ އެއީއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން